ލޮނުމެދުގެ ރަހައިން ކެއުމުގެ ރަހަ މުޅިން ބަދަލުކޮށްދޭ ފަދައިން މިއިން ތަފާތު އެހެން ފައިދާތަކެއް ވެސް ލިބިދެ އެވެ. އެގޮތުން އިސްތަށިގަނޑާއި ހަމަށް ލޮނުމެދަކީ ވަރަށް ބޭނުންތެރި އެއްޗެކެވެ.

ލޮނުމެދާ އެކު ކާށިތެޔޮ މަޑުގިނީގައި ކުޑަކޮށް ކެއްކުމަށް ފަހު ތަލައިގައި އުނގުޅާށެވެ. ތެލާ އެއްކޮށްފައި ހުރި ލޮނުމެދު އިސްތަށިގަނޑުގެ ބުޑުގައި އުނގުޅުމުން ލޮނުމެދުގައި ހިމެނޭ އެންޓިއިންފްލެމޭޓަރީ އަދި އެންޓިބެކްޓީރިއަލް މާއްދާތަކުގެ ސަބަބުން، ހަންފޮޅުމާއި އިސްތަށި ފޭބުން ފަދަ ކަންކަމުން ދުރުވެ ބޮލަށް ފަސޭހަ ކޮށްދޭނެ އެވެ.

ކާށި ތެލުގެ އިތުރުން އާމަންޑް ތެޔޮ ފަދަ ގުދުރަތީ ތެލެއް ވެސް ރަނގަޅުވާނެ އެވެ. ލޮނުމެދު ބޮލުގައި އުނގުޅުމުން އޭގެ ގަދަ ވަސް ފިލުވަން އުނދަގޫވާ ކަމުގައިވާ ނަމަ، ލޮނުމެދު މަދުކޮށް، ތެޔޮ ގިނަ ކުރުން ވެސް އެއީ ގޮތެކެވެ.

ފުރަތަމަ ދުވަހު ގޭގައި ތައްޔާރުކޮށްލެވޭ ގުދުރަތީ ރެމެޑީން ނަތީޖާ ނުފެނުނު ކަމުގައި ވިޔަސް ގަވައިދުން ބޭނުން ކުރުމުން އިސްތަށިގަނޑު ވަރުގަދަވާތަން ފެންނާނެ ކަމަށް ލޮނުމެދާ ބެހޭގޮތުން ދިރާސާތައް ކޮށްފައިވާ ސައިންސްވެރިން ބުނެ އެވެ.

އިންސާނާގެ ހަންގަނޑަށް ވެސް ލޮނުމެދުން ލިބޭ ފައިދާތައް ގިނަ އެވެ. އެގޮތުން މޫނު ސާފުކޮށް ޖަރާސީމުތައް ނައްތާލުމަށް ލޮނުމެދުން ފަރުވާ ލިބޭ ކަމަށްވެ އެވެ.

ލޮނުމެދު ކުދިކޮށް ގާނާފައި މާމުއި އާ އެއްކޮށް މާސްކެއް ވެސް ހަދާލެވިދާނެ އެވެ. މާމުއި އަކީ ގުދުރަތީ އެތައް ފައިދާތަކެއް ލިބިދޭ، ވަރުގަދަ އެއްޗެއް ކަމުން މާސްކުގެ ފައިދާ ދެގުނަ ވާނެ އެވެ.