އޮބްސްޓްރަކްޓިވް ސްލީޕް އެޕްނިއާ އަކީ ސީރިއަސް ސްލީޕް ޑިސްއޯޑާ އެކެވެ. މި މައްސަލަ ހުންނަ މީހުން އާންމުކޮށް ނިދީގައި 10 ސިކުންތު ނުވަތަ އެއަށްވުރެ ގިނައިރު ވަންދެން ނޭވާލުން ހުއްޓާލަ އެވެ.

އޭގެ ތެރޭގައި ގުގުރިދެމުން ވެސް ހިމެނެ އެވެ. ގުގުރިދެމުމަކީ ނިދާފައި އޮންނަ މީހާ ނޭވާލާއިރު ކަރުތެރެއިން އަޑުގޮއްވުމެވެ. މިއަޑު ގޮވަނީ ނޭވާލާއިރު މަތީ ތަލީގެ މަޑުބައި ތެޅޭ ތެޅުމުގެ ސަބަބުންނެވެ.

ނިދީގައި ގުގުރި ދަމާ ނަމަ އެކަމަކީ އޮބްސްޓްރަކްޓިވް ސްލީޕް އެޕްނީއާ އެ މީހެއްގެ ކިބައިގައި ހުންނަ ކަމުގެ ނިޝާނެކެވެ. އެހެން ނަމަވެސް ކޮންމެ މީހަކަށް ވެސް ފިނިވުމުގެ ސަބަބުން ނުވަތަ އެލާޖިކްވުމުގެ ސަބަބުން ނޭފަތުގެ ވައި ދަތުރުކުރާ މަގު ބަންދުވެ ނިދީގައި ގުގުރިދެމުމަކީ ދޭތެރެއަކުން ނަމަވެސް ދިމާވެދާނެ ކަމެކެވެ.

އެހެން ނަމަވެސް ގުގުރިދެމުމަކީ އާދައިގެ ކަމެއް ކަމަށާއި، އެކަމަކީ ކަންބޮޑުވާން ޖެހޭ ވަރުގެ ކަމެއް ނޫންކަމަށް ބައެއް ތަޖުރިބާކާރުން ބުނެ އެވެ. ގުގުރިދަމާ ނަމަ ކަންބޮޑުވާން ޖެހޭނީ، މާ އަޑުގަދަކޮށް އަދި ނޭވާލުން ލަސްވާ ކަމަށް ވާނަމަ އެވެ.

މިކަމަށް ފަރުވާ ނުކޮށް ދޫކޮށްލައިފަ ނަމަ އޮބްސްޓްރަކްޓިވް ސްލީޕް އެޕްނިއާގެ ސަބަބުން ލޭ މައްޗަށް ދިއުން، ހިތުގެ ބަލި، ޓައިޕް 2 ޑައިބެޓީސް ނުވަތަ ޑިޕްރެޝަން، އަދި އުމުރުގެ ކުރީކޮޅު މަރުވުމުގެ ފުރުސަތު ބޮޑުކަމަށް އެމެރިކަން އެކަޑަމީ އޮފް ސްލީޕް މެޑިސިން އިން ބުނެ އެވެ.