ކިއޭވް (26 ސެޕްޓެމްބަރު) ޔޫކްރެއިން ހަނގުރާމައިގައި ރަޝިއާގެ ލަޝްކަރަށް އެ ގައުމުގެ އާއްމު ރައްޔިތުން ނެރޭނެ ކަމަށް އެ ގައުމުގެ ރައީސް ލަމިޑިއާ ޕުޓިން މިދިޔަ ބުދަ ދުވަހު އިއުލާން ކުރެއްވުމާއި އެކު ޔޫކްރެއިން އިން އެކަމަށް މަލާމާތްކޮށް ހަޖޫ ޖަހައިފި އެވެ.

ޔޫކްރެއިންގެ ޑިފެންސް މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ މި "ފައުޖީން" ޔޫކްރެއިންގައި ހިތްވަރާއި އެކު މަސައްކަތް ކުރާނެ ކަމާމެދު ޝައްކެއް ނުކުރާ ކަމަށާއި ރަލުގެ އެހީއާ އެކު ޔޫކްރެއިންގެ ފަސްގަނޑުގައި މަރުވާން އެ މީހުންނަށް ފަސޭހަވާނެ ކަމަށެވެ.

މި ޓްވީޓާ އެކު އާއްމުކުރި ވީޑިއޯއެއްގައި ރަޝިއާގެ ސިފައިން މަސްތުގެ ހާލަތުގައި ޔޫކްރެއިންގެ އެކި ސަރަހައްދުތަކަށް ވެއްޓިފައި ތިބި ތަން ފެނެ އެވެ.

ޔޫކްރެއިން އިން މިހެން ބުނެފައި މިވަނީ ޕުޓިންގެ ނިންމުމާ މެދު ރަޝިއާގެ އިސްވެރިން ވެސް ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ. މި ނިންމުމާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން ރަޝިއާގެ ރައްޔިތުން ވެސް ވަނީ މަގުމައްޗަށް ނުކުމެފަ އެވެ.

ބުދަ ދުވަހު ޕުޓިން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައި ވަނީ ޔޫކަރެއިންގައި ހަރަކާތްތެރިވާ އެ ގައުމުގެ ލަޝްކަރު ފުޅާކުރުމުގެ ގޮތުން އަސްކަރީ އުމުރުފުރާގައި ހިމެނޭ އާއްމު ރައްޔިތުން ބޯޑަރު ހުރަސް ކުރަން ތައްޔާރަށް ތިބުމަށެވެ.

މި ނިންމުމުގެ އިތުރުން ވެސް ޕުޓިން ވަނީ ހަނގުރާމައިގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކޮށްފާނެ ކަމުގެ އިންޒާރު ދެއްވައިފަ އެވެ. މި އިންޒާރަށް ދުނިޔޭގެ ލީޑަރުން އަންނަނީ ރައްދު ދެމުންނެވެ.