އަބަދުވެސް މަސައްކަތްކުރަންވީ ގައުމީވަންތަކަން ދިރުވުމަށް އިސްކަންދީ އަދި ގައުމީ ބަޠަލުންގެ މިސާލުން އިބްރަތް ލިބިގަނެ، ގައުމައިގެން ކުރިއަށް ދިއުމަށްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ގައުމީ ދުވަހުގެ ހެޔޮ އެދުންތަކާއި ތަހުނިޔާ އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރެއްވުމުގެ ގޮތުން މިއަދު ރައީސް ސޯލިހު ކުރެއްވި ޓްވީޓްގައި ވިދާޅުވީ އަބަދުވެސް މަސައްކަތްކުރަންވީ ގައުމީވަންތަކަން ދިރުވުމަށް އިސްކަންދީ އަދި ގައުމީ ބަޠަލުންގެ މިސާލުން އިބްރަތް ލިބިގަނެ ގައުމައިގެން ކުރިއަށް ދިޔުމަށް ކަމަށެވެ.
ގައުމީ ދުވަސް ގައުމީ ފެންވަރުގައި މި އަހަރު ފާހަގަކުރަނީ ބޮޑުތަކުރުފާނުގެ އުފަން ރަށް ހއ. އުތީމުގަ އެވެ. ރައީސް ސޯލިހުގެ ދެކަނބަލުން ވެސް މިވަގުތު ތިއްބެވީ ގައުމީ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް އުތީމުގަ އެވެ.
ގައުމީ ދުވަހުގެ ދިދަ ނެގުމަށް އުތީމު ގަނޑުވަރު މައިދާނުގައި މިއަދު ހެނދުނު ކޯއްޓޭއަށް ދިދަ ނެގުމަށް ބޭއްވި ރަސްމިއްޔާތުގައި ވެސް ރައީސްގެ ދެކަނަބަލުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
ދިވެހިރާއްޖޭގެ ގައުމީ ދުވަސް ނިސްބަތްވަނީ އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމަށެވެ. ޤައުމީ ދުވަހަކީ ކޮންމެ އަހަރެއްގެ ރަބީއުލް އައްވަލް މަހުގެ 1 ވަނަ ދުވަހެވެ.
މިދުވަސް ފާހަގަކުރަނީ އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޒަމް ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި ޒިކުރާ އާކުރުމުގެ ގޮތުންނެވެ.