ތެހްރާން (27 ސެޕްޓެމްބަރު) - އީރާނުގައި މިހާރު ހިނގަމުންދާ ދާޚިލީ ހަމަނުޖެހުންތައް އިތުރަށް ގޯސްވެ، މިހާތަނަށް 76 މީހަކު މަރުވެއްޖެ އެވެ.
ބުރުގާއެޅުމުގެ މިންގަނޑުތަކާ ޚިލާފުވި ކަމަށް ބުނެ ފުލުހުން ހައްޔަރުކުރި މަހްސާ އަމީނީގެ މަރާއެކު އެ ގައުމުގެ ރައްޔިތުން ވަނީ މަގުތަކަށް ނުކުމެ ފުލުހުންނާ ދެކޮޅަށް އަޑު އުފުލަން ފަށާފަ އެވެ.
މު މުޒާހަރާތައް ހަމަނުޖެހުންތަކަށް ބަދަލުވެ އާއްމުންނާއި ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި 76 މީހަކު މަރުވެ، ގިނަ ބަޔަކަށް އަނިޔާވެފައިވާއިރު ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ މުދަލުގައި ހުޅު ވެސް ޖަހަމުންދެ އެވެ.
ހަމަނުޖެހުންތައް ބޮއްސުންލައި މަސްރަހު ކޮންޓްރޯލްކުރަން ސިފައިން ނުކުންނަން ޖެހިދާނެ ކަމުގެ އިންޒާރު އެ ގައުމުގެ އަސްކަރިއްޔާއިން ދީން ނަމަވެސް އަދި މިހާތަނަށް ސިފައިން ނުކުމެފައެއް ނުވެ އެވެ.
އީރާނުގެ ސަރުކާރުން ވަނީ އިދިކޮޅު ފަރާތްތަކުންނާއި ބޭރުގެ ބައެއް ގައުމުތަކުން އެ ގައުމުގެ ސަރުކާރު ވައްޓާލުމަށް އަމީނީގެ މަރު ބޭނުންކުރަމުން އަންނަ ކަމަށް ބުނެފަ އެވެ.
އެގޮތުން އެމެރިކާއާއި ހުޅަނގުން އަންނަނީ ހާލަތުގެ ފައިދާ ނަގައި އީރާނާ ދެކޮޅަށް ފިޔަވަޅުތައް އެޅުމުގެ ބަހަނާއަކަށް އަމީނީގެ މަރު ހަދަމުން ކަަމަށް އީރާނުން ތުހުމަތު ކުރެ އެވެ.
އަމީނީ މަރުވެފައި ވަނީ ހައްޔަރުގައި ހުރި އިރު ފުލުހުންގެ ފަރާތުން ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަމުން ދަނިކޮށް ކަމަށް ހަބަރުތައް ބުނެ އެވެ. އޭނާގެ މެޑިކަލް ރިޕޯޓުތަކުން އަނިޔާގެ ނިޝާންތައް ހުރި ކަމަށް ބުނެފައިވާއިރު އަމީނީ މަރުވީ ކޯމާއެއްގައި އޮއްވަ އެވެ.
މި ހާދިސާއާ ގުޅިގެން އީރާނުގެ ފުލުހުންނަށް ކުރެވޭ ތުހުމަތުތައް އެ މުއައްސަސާއިން ދޮގުކޮށްފައިވާއިރު ރައްޔިތުންގެ ހިތުގައި ނަފްރަތު އުފެއްދުމަށް ދޮގު މައުލޫމާތު ފަތުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ. -- އަލް އަރަބިއްޔާ