ދިވެހި ގައުމު ގައުމެއްގެ ގޮތުގައި ފޯރުކޮށްދެވޭނީ ދިވެހި ގައުމިއްޔަތުގެ ބަހާތައް މިއަދުގެ ޖީލުން ފުރިހަމައަށް ނަގަހައްޓާ ދަމަހައްޓައިގެންކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުالله ވިދާޅުވެއްޖެ އެވެ.

އެމަނިކުފާން މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ފަހުރުވެރި ގައުމީ ދުވަސް ރަސްމީގޮތުން ފާހަގަކުރުމަށް ހއ. އުތީމުގައި މިއަދު ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިއަހަރުގެ ގައުމީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ކޮންމެ ގައުމެއްވެސް ބިނާވެގެންވަނީ އެގައުމެއްގެ ގައުމިއްޔަތުގެ ބަހާތަކާއި,އަސާސްތަކާ ރުކުންތަކުގެ މައްޗަށްކަމަށެވެ. އެގޮތުން ދިވެހި ގައުމިއްޔަތުގެ ބަހާތަކަކީ މާތްވެގެންވާ އިސްލާމް ދީނާއި, ދިވެހިބަހާއި, ދިވެހި ޘަޤާފަތާއި އާދަކާދަތައްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އިމްރާން ވިދާޅުވީ ގައުމު ގައުމެއްގެ ގޮތުގައި ފޯރުކޮށްދެވޭނީ އެކަންކަމަށް ރައްކާތެރިވެގެންކަމަށެވެ.

"އުފެދި ބޮޑުވެގެން އަންނަ ޖީލުތަކުގެ ހިތްތަކުގައި އިސްލާމްދީނުގެ ސައްޙަ އަގީދާ ކަނޑާ ބިންވަޅުނެގިގެން. އީމާންކަމުގެ ރުކުންތަކާއި, އިސްލާމްކަމުގެ ރުކުންތައް ފުރިހަމައަށް ދަސްކޮށްދެވިގެން. ފަރުޟު ފަސްނަމާދަށް ރައްކާތެރިވުމީ ހަށިގަނޑާއި ރޫހު ސާބިތުކުރާ އަސާސްކަމުގައި ހަދައިގެން. އިސްލާމީ ރިވެތި އަޚުލާޤުގެ ފޭރާމުން ފޭރާންލައި ޖަރީވެގެން. ދިވެހި އަދަބިއްޔާތާ ބަސްމޮށުންތެރިކަމަށް ސަމާލުކަމާ އިސްކަންދެވިގެން. ދިވެހި ތާރީޚާއި, ޘަޤާފަތާ އާދަކާދަތައް ނަގަހައްޓާ ދިރުވައިގެން،" އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ގައުމެއް ކުރިއަރާ ތަރައްގީވާނީ އެގައުމެއްގެ ދަރީން ބިނާކޮށް, ތަރުބިއްޔަތުކޮށް މީހުންނަށް ހަދައިގެންކަމަށެވެ. މީހުން ބިނާކުރުމުގައިވެސް އެންމެ ކާމިޔާބު ފަލްސަފާއަކީ ޤައުމީ ދުވަސް އެބޭފުޅަކަށް ނިސްބަތްވާ ބޮޑުތަކުރުފާނުގެ ފަލްސަފާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން އިމްރާން ވިދާޅުވީ ހެޔޮލަފާ ވެރިއެއްގެ ކިބައިގައި ހުންނަންޖެހޭ ހުރިހާ ފުރިހަމަ ސިފަތަކެއް ބޮޑުތަކުރުފާނުގެ ކިބައިން ފެންނަން ހުރިކަން އެތަކުރުފާނުގެ ހަޔާތްޕުޅު ދިރާސާކުރުމުން ފެންނަކަމަށެވެ. އެގޮތުން އިލްމްވެރިކަމާއި, ހިކުމަތްތެރިކަމާއި, ކެތްތެރިކަމާއި, އޯގާވެރިކަން އިސްކުރެއްވިކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި ބޮޑުތަކުރުފާނަކީ އާދަޔާހިލާފަށް ނެވިކަމާއި, ހެވިކަން ދަސްކުރައްވައިގެން މައިދާނަށް ނިކުންނެވި ކޮމާންޑަރެއްކަން އިމްރާން ފާހަގަކުރެއްވި އެވެ. އަދިހަމައެހެންމެ އެއީ އިސްނެންގެވުމާއި, ކެރިވަޑައިގަތުމާއި, ޖެހިލުންކުޑަކަމުގެ ސިފަ ލިބިވަޑައިގެން ހުންނެވި ވަރުގަދަ ލީޑަރެއްކަންވެސް ފާހަގަކުރެއްވި އެވެ.