މިސަރުކާރުގެ އަމާޒަކީ ބޮޑު ތިލަދުންމަތީގައި ފަތުރުވެރިކަމުގެ 8،000 އެނދު ތަރައްގީކުރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
އުތީމުގެ އައު އިންޖީނުގެއާއި އޮފީސް ޢިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު އާއި ބޮޑު ތިލަދުންމަތީގައި މިހާރު ފަށާފައިވާ އާރުޓީއެލް ފެރީގެ ހިދުމަތާއެކު މިސަރަހައްދުގައި އިތުރަށް ފަތުރުވެރިކަން ފުޅާވެގެންދާނެ ކަމަށެވެ. އަދި މިސަރަހައްދުގައި އިންވެސްޓަރުން އިންވެސްޓް ކުރަން ދެން ފަހަކަށް ނުޖެހޭނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހު ވިދާޅުވި ގޮތުގައި މިސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ތިލަދުންމަތީގައި ފަތުރުވެރިކަމުގެ 8،000 އެނދު ގާއިމްކުރުން ކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ކުރިއަށް އޮތް ހަތަރު ފަސް އަހަރު ތެރޭގައި އެންމެ ލަސްވެގެން 8000 އެނދު ޕްލޭން ކޮށްގެން ރާވައިގެން ކުރިއަށް ގެންދިއުން، އަޅުގަނޑު ހިތުން މި ސަރަހައްދުގައި ޓޫރިޒަމް ޑިވޮލޮޕް ކުރާނެ އިންވެސްޓަރުން ދެން ފަހަތަށް ނުޖެހޭނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ މި ސަރަހައްދުގައި ޓޫރިޒަމް ކުރިއެރުމަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ހުރަހަކީ އެއާޕޯޓުގެ ދަތިކަމާއި އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރެވޭނެ ފަސޭހަ ގޮތެއް ނެތުން ކަމަށެވެ.
އެއާޕޯޓުގެ މައްސަލަ ހައްލުވުމާ ގާތަށް ޖެހިލާފައިވާއިރު، އެމްޓީސީސީގެ އާރްޓީއެލް ފެރީން އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމަށް މިހާރު މާ ފަސޭހަވެގެން ގޮސްފައިވާ ކަން ރައީސް ފާހަގަކުރެއްވި އެވެ.
އާރްޓީއެލްގެ ތަރައްގީ ފާހަގަކުރައްވައި ރައީސް ވަނީ އުތީމަށް އިގްތިސޯދީ ބޮޑު ބަދަލެއް ގެނައުމަށް ލޯކަލް ޓޫރިޒަމް ތައާރަފްކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. ރައީސް ވިދާޅުވީ އުތީމަކީ ތާރީހީ ރަށެއް ކަމަށާއި މި ރަށް ބަލާލަން އަންނަ ކޮންމެ ދިވެހި ރައްޔިތަކު ވެސް ބޭނުންވާނޭ ކަމަށެވެ.
"ހަނިމާދޫއަށް އާދެވިދާނެ ފްލައިޓުގައި، އެކަމަކު އެ ހިސާބުން މި ރަށަށް އައުމަށް ބޮޑު ހޭދައެއް ކުރަން ޖެހޭ، އެކަމަކު އިރާދަކުރެއްވިއްޔާ އެ ދަތި މިހާރު ވަނީ މުޅިން ނައްތާލެވިފައި،" ރައީސް ފާހަގަކުރެއްވި އެވެ.
ބޮޑު ތިލަދުންމަތީގެ ތަރައްޤީއާ ގުޅިފައިވާ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް މިދައުރުގެ ތެރޭގައި ނިންމުމަކީ ސަރުކާރުގެ އަމާޒެކެވެ
ހަނިމާދޫ އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން 2.46 ކިލޯމީޓަރުގެ އައު ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ޖާގައިގެ ޓަރމިނަލެއް ޢިމާރާތްކުރެވޭނެއެވެ.
މިމަޝްރޫޢު ނިމުމުން ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސް A320 އާއި ބޮއިންގ 737 މަރުކާގެ ބޯޓުތަކަށް މި އެއަރޕޯޓުން ޚިދުމަތް ދެވޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ. އަދި މެދުއިރުމައްޗާއި، ދެކުނު އޭޝިއާއާއި، ދެކުނު އިރުމަތީ އޭޝިއާއާއި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސިދާ ފްލައިޓްތައް ހަނިމާދުއަށް އޮޕަރޭޓްކުރުމުގެ ގާބިލުކަން ލިބިގެންދާނެ އެވެ. އަދި ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައްވެސް ޤާއިމުވެގެންދާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.