އެމްޓީސީސީން ފޯރުކޮށްދެމުން އަންނަ އާރުޓީއެލް ފެރީގެ ހިދުމަތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަޖުރިބާ ކުރައްވައިފި އެވެ.

ބޮޑު ތިލަދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހއ. އުތީމުން ހއ.ދިއްދޫ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގަތީ އާރުޓީއެލް ފެރީގަ އެވެ. ރައީސްގެ އަރިހުގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްގެ އިތުރުން ސަރުކާރުގެ އިސްވެރިން ވަނީ ބައިވެރިވެފަ އެވެ.

ދިއްދޫ އަށް ރައީސް ވަޑައިގަތުމުން އެރަށުން ވަނީ ހޫނު މަރުހަބާއެއް ދަންނަވައިފަ އެވެ.

އެމްޓިސީސީން މިހާތަނަށް އާރްޓީއެލް ފެރީގެ ހިދުމަތް ފަށާފައިވަނީ ހއ. އަތޮޅާއި ހދ. އަދި ށ. އަތޮޅުގަ އެވެ. ޒޯން އެކެއްގައި ހިމެނޭ މި ތިން އަތޮޅުގެ ހުރިހާ ރަށަކަށް ފެރީގެ ހިދުމަތް ލިބޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ވަނީ ބުނެފަ އެވެ. އާރުޓީއެލްގެ ހިދުމަތަކީ ދަތުރުފަތުރުގެ އަވަސް ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމަށް ސަރުކާރުން ފަށާފައިވާ ބިޔަ މަޝްރޫއުއެކެވެ. އެގޮތުން އާރުޓީއެލް ފެރީ ނިޒާމުގެ ދަށުން، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށްތައް، އެކި ރޫޓްތަކުން ގުޅާލެވޭނެ އެވެ.