ޓްރެފިކްގެ މައްސަލައަކީ އިންޑިއާގެ ބެންގަލޫރަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އެވެ. ޓްރެފިކްގައި ޖެހި އެތައް ގަޑިއިރެއް ހޭދަވާއިރު މިއީ އެސަރަހައްދުގެ އާއްމުންގެ އެންމެ ބޮޑު އެއް ޝަކުވާ އެވެ.
އެހެން ނަމަވެސް މި ބޮޑު މައްސަލައެއް ބެންގަލޫރުގެ ކުންފުންޏަކުން މިވަނީ ހައްލު ހޯދައިދީފަ އެވެ. ޓްރެފިކްގައި ނުޖެހި ވައިގެ މަގުން ބޭނުންވާ ތަނަކަށް ދެވޭނެ ގޮތް އެކުންފުނިން ވަނީ ދައްކައިދީފަ އެވެ.
މިކަމަށްޓަކައި ބްލޭޑް އިންޑިއާ ނަމަކަށް ކިޔާ އެ ކުންފުނިން ބޭނުން ކުރަނީ ހެލިކޮޕްޓަރެވެ. ހަފްތާގެ ފަސް ދުވަހު ދެ ދަތުރު ބެންގަލޫރުގެ މައި ދެ އެއާޕޯޓުގެ ދެމެދުގައި ކުރުމަށް އެކުންފުނިން ވަނީ ނިންމާފަ އެވެ.
އެއްގަމު މަގުން ނަމަ މި ދަތުރަށް ދެގަޑިއިރު ހޭދަވި ނަމަވެސް ހެލިކޮޕްޓަރު ދަތުރުތަކާއެކު އެ ވަގުތު 12 މިނެޓަށް ކުޑަ ކުރެވޭނެ އެވެ. ދަތުރު އޮންނަ ދެ އެއާޕޓަކީ ބެންގަލޫރުގެ ދެކޮޅުގައި އޮންނަ ދެ އެއާޕޯޓު ކަމުން އެ އެއާޕޯޓުތަކުން ދާން ބޭނުންވާ ތާކަށް ދާން ފަސޭހަވާނެ އެވެ.
މިހާރު ވެސް ބްލޭޑް އިންޑިއާއިން އިންޑިއާގެ މުމްބާއީއާއި ޕޫނޭއާ ދެމެދު ހެލިކޮޕްޓަރު ދަތުރުތައް ކުރެ އެވެ. މި ދަތުރުތަކަށް އާއްމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެ އެވެ.
ބެންގަލޫރުގައި ފަށާ މި ހިދުމަތާއެކު އެ ސަރަހައްދުގައި ދިރިއުޅޭ ގިނަ ބަޔަކަށް ލުއިފަސޭހަ ވެގެން ދާނެ ކަމަށް ބްލޭޑް އިންޑިއާގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވި އެވެ.