ކީވް (01 އޮކްޓޯބަރު) - ރަޝިއާގެ ވެރިކަމުގައި މިހާރުގެ ރައީސް ލަމިޑިއާ ޕުޓިން ހުންނެވިހާ ދުވަހަކު އެ ގައުމާއެކު ޔޫކްރެއިނުން މަޝްވަރާގެ މޭޒަށް ނާރާނެ ކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވެއްޖެ އެވެ.

"ޕުޓިން ރައީސްކަމުގައި ހުންނެވިހާ ދުވަހަކު ޔޫކްރެއިންއިން ރަޝިއާއާއެކު ސުލްހައިގެ މަޝްވަރާއަކަށް ނުދާނެ. މަޝްވަރާ ކުރާނީ އާ ރައީސަކު ވެރިކަމަށް އައުމުން،" ހުކުރު ދުވަހު ޒެލެންސްކީ ވިދާޅުވި އެވެ.

ޒެލެންސްކީ މިހެން ވިދާޅުވެފައި މިވަނީ އިރުމަތީ ޔޫކްރެއިންގެ އިތުރު ހަތަރު ސަރަހައްދެއް ރަޝިއާގެ އަތްދަށަށް ގެނެސް އެކަމުގެ އެއްބަސްވުމުގައި ސޮއިކުރަން ރަޝިއާއިން ކުލަގަދަ ރަސްމިއްޔާތެއް ބާއްވާފައިވަނިކޮށެވެ.

އެގޮތުން ރަޝިއާގެ އަތްދަށަށް ގެނެވުނު ހަތަރު ސަރަހައްދަކީ ޑޮނެސްކް، ލުހަންސްކް، ޒަޕޮރިޒިއާ އަދި ކޭރްސަން އެވެ. މި ސަރަހައްދުތަކަކީ ރަޝިއާގެ މައި ސަރުކާރާ ވަކިވެގަނެ ވަކި ދައުލަތެއް އިއުލާން ކޮށްފައިވާ ސަރަހައްދު ތަކެކެވެ.

މި ސަަރަހައްދުތަކުގެ ލީޑަރުން ވަނީ އެ ސަރަހައްދުތަކަކީ ރަޝިއާއިން ކޮންޓްރޯލް ކުރާ ސަރަހައްދުތަކަކަށް ހެދުމަށް އެއްބަސްވެފަ އެވެ. މި ދައުލަތްތަކަކީ ދުނިޔޭގެ ބައިނަލްއަގްވާމީ ޖަމާއަތްތަކުންނާއި ހުޅަނގުގެ ގައުމުތަކުން ވަކި ދައުލަތްތަކެއްގެ ގޮތުގައި ބަލައިގަންނަން ދެކޮޅު ހަދާފައިވާ ދައުލަތް ތަކެކެވެ. -- އަލް އަރަބިއްޔާ