ބޯ ހިރުވުމަކީ އަހަރުމެންގެ ތެރެއިން ގިނަ ބަޔަކަށް ކުރިމަތިލާން ޖެހިފައިވާ ލަދުވެތި ކަމެކެވެ. އާއްމު ތަންތަނުގައި ބޯ ހިރުވުމަކީ އަދަބާ ޚިލާފު ކަމަކަށް ވިޔަސް ކެތް ނުކުރެވިގެން ބޯ ކަހައިގަނެވެ އެވެ. މި ލިޔުމުގައި މި ބަލާލަނީ މި މައްސަލަ ކުރިމަތިވާ ބައެއް ސަބަބުތަކަށެވެ.

ހަމުގެ ބައްޔެއް ކަމަށްވާ ސޯރިއޭސިސް ޖެހުމުން ބޮލުގެ ހަންގަނޑު ފާރުވެ، އެކި ހިސާބުތަކުގައި ކުދި ކުދި ފާރު ހެދެ އެވެ. އަދި އެ ފާރުތަކުގައި ޖަރާސީމު ވަރަށް އަވަހަށް އަށަގަންނަ ގޮތްވެ އެވެ. ސޯރިއޭސިސް ޖެހުމުން ބޯ އެހާ ގަދަޔަށް ކަހަނީ އެހެން ވެގެންނެވެ.

އެކްޒީމާ އަކީ ވެސް ބޮލުގެ ހަންގަނޑު ކެހުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބު ކަމަށް ސައިންސްވެރިން ދެކެ އެވެ. އެކްޒީމާ ޖެހުމުން ބޮލާއި ގައިގެ ހަންގަނޑު އާންމުކޮށް ހުންނަ ވަރަށްވުރެ ރަތްވެ އެވެ. މާގަދަޔަށް ހުން އައިސް ހުން ދިގުލައިގެން ދިއުމަކީ އެކްޒީމާއަށް މަގުފަހި ވެދާނެ ކަމެކެވެ. ހާއްސަކޮށް ކުޑަކުދިންނަށް އެކްޒީމާ ޖެހޭލެއް އަވަހެވެ. ނަމަވެސް އެއީ ވަކި އުމުރަކަށް އޮންނަ ކަމެއް ނޫނެވެ.

ބޮލުގެ ހަންގަނޑުގެ ތެތްކަން ދަމަހައްޓަން އިސްކަން ނުދެވުމަކީ ހަންގަނޑު ކުރަކިވެ ހިކޭ ސަބަބެކެވެ. އޭގެ ސަބަބުން ބޮލުން ހަން ފޮޅި، ފާރުވެ ހަންގަނޑު އަބަދު ހިރުވާ ގޮތްވެ އެވެ. ބައެއް ފަހަރު އުމުރުން ދުވަސްވާ ވަރަކަށް ވެސް ބޮލުގެ ހަންގަނޑުގެ ތެތްކަން ކުޑަވެ އެވެ.

މީގެ އިތުރުން ވެސް، ދުންފަތުގެ އިސްތިއުމާލު ކުރުމާއި މަސްތުވާތަކެތި ބޭނުން ކުރުމަކީ ވެސް ބޮލުގެ ހަންގަނޑު ހަލާކުވާ ކަންކަމެވެ.

މިފަދަ ކަންކަމަކީ މުޖުތަމަޢު އާއި ދިރިއުޅުމުގެ ވައްޓަފާޅިއާ ވެސް ގުޅިފައިވާ ކަމަކަށް ވާތީ، ބޮލުގެ ހަންގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމަށް ރަނގަޅު ކާނާ ބޭނުންކުރުމަކީ މުހިއްމު ކަމެއް ކަމަށް ސައިންސްވެރިންނާއި ޑޮކްޓަރީ އިލްމުވެރިން ލަފާދެ އެވެ.

ބޮލުގެ ހަންގަނޑުގެ ހިރުވުން ރަނގަޅުކުރަން މުޖައްރިބު ފަންޑިތައެއް ނުވަތަ ބޭހެއް ނުހުރެ އެވެ. ނަމަވެސް ގުދުރަތީ ތެޔޮ ބޭނުންކުރުމާއި، ވިނެގާ އަދި ހީނާފަތް ކަހަލަ ބައެއް އެއްޗިހި ބޮލުގައި ލުމަކީ ބޮލުގެ ހަންގަނޑުގެ ހިރުވުން ރަނގަޅުކުރުމަށް ހުންނަ ގުދުރަތީ ފަރުވާތަކެކެވެ. އަދި ބައެއް ބާވަތުގެ ޑޮކްޓަރީ ބޭސް ވެސް އެކަމަށް ބޭނުންކޮށް އުޅެ އެވެ.