(9 ޑިސެމްބަރު ) - ކޮވިޑް-19 ފައިޒާއިން އުފެއްދި ވެކްސިން ބޭނުންކުރުމުގެ ހުއްދަ ކެނެޑާގައި ދީފި އެވެ.

ކެނެޑާގެ ބޮޑުވަޒީރު ވިދާޅުވިގޮތުގައި 30،000 ޑޯޒްގެ ވެކްސިން އަންނަ ހަފްތާގައި ކެނެޑާއަށް ލިބޭނެ ކަމަށާއި އަދި އިތުރު ވެކްސިން ކުރިއަށްއޮތް ދުވަސްތަކުގެ ލިބޭނެ ކަމަށެވެ.

ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވިގޮތުގައި މި ވެކްސިން ކެނެޑާގެ ކޮންމެ ރައްޔަތަކަށް ވެސް ލިބޭނެ އެވެ. އަދި ހުރިހާ އެންމެންނަށް އެންމެ ލަސްވެގެން އަންނަ އަހަރު ސެޕްޓެމްބަރު މަހުގެ ކުރިން ވެކްސިން ދެވޭވަރުވާނެ ކަމަށް ޖަސްޓިން ވިދާޅުވި އެވެ.

ފައިޒާގެ ކެނެޑާ ގޮފީގެ ރައީސް ވިދާޅުވިގޮތުގައި ކެނެޑާއިން ވަނީ ވެކްސިންގެ 20 މިލިއަން ޑޯޒަށް އޯޑަރު ދީފަ އެވެ. އަދި ބޭނުންވެއްޖެ ނަމަ އިތުރު 56 މިލިއަން ވެކްސިން ގަންނަން ފުރުސަތު އޮންނާނެ އެވެ.

ކެނެޑާގައި ފުރަތަމަ ވެކްސިން ދިނުމަށް ކަނޑައަޅާފައިވަނީ ސިއްހީ ހިދުމަތްތެރިންނަށާއި، އުމުރުން ދުވަސްވީ މީހުންނަށާއި، ކެއާ ހޯމްތަކުގައި ތިބި މީހުންނާއި އަދި އެމީހުންގެ އެހީތެރިންނަށެވެ. އަދި އެހެން މީހުންނަށް ވެކްސިން ދިނުމަށް ފައްޓާނީ ފުރަތަމަ ގްރޫޕްތަކުގެ މީހުންނަށް ވެކްސިން ދީ ނިމުމުންނެވެ.

ކޮވިޑް ރޯގާގެ ދެވަނަ ރާޅަކާއެކު ކެނެޑާގައި ވަނީ ސިއްހީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އިތުރު ފިޔަވަޅުތަކެއް އެކިއެކި ސަރަހައްދުތަކުގައި އަޅަންފަށާފައެެވެ. މިހާތަނަށް ކެނެޑާގައި ވަނީ 000،435 މީހުން ޕޮޒިޓިވް ވެފަ އެވެ. އަދި މި ރޯގާގައި 12983 މީހުން ވަނީ މަރުވެފަ އެވެ. --- ރޮއިޓާސް