ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ކުށުގެ ދައުވާތައް ކްރިމިނަލް ކޯޓުން އަނބުރާ ފޮނުވާލައިފި އެވެ.

އަލީ ވަހީދުގެ މައްޗަށް ވަނީ ޖިންސީ އަނިޔާ ކުރުމުގެ ދައުވާއަކާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާއެއް ކޮށްފަ އެވެ.

މި ދައުވާތައް އުފުލާފައިވަނިކޮށް އަލީ ވާހިދު ރާއްޖެއިން ބޭރަށް ދިޔައީ މިދިޔަ އަހަރު އެވެ.

އޭގެ ފަހުން އޭނާ ހައްޔަރުކޮށްގެން ޝަރީއަތަށް ހާޒިރު ކުރުމަށް ނޮވެމްބަރު 28، 2021 ގައި ކޯޓުން އަމުރު ނެރުނު ނަމަވެސް މިހާތަނަށް އޭނާ ރާއްޖެއަށް ގެނެވިފައެއް ނުވެ އެވެ. އަލީ ވަހީދު ހޯދައި ހައްޔަރު ކުރުމަށް އިންޓަރޕޯލް ރެޑް ނޯޓިސް ވެސް ނެރުނެވެ.

ބޭސްފަރުވާ އަށް ކަމަށް ވިދާޅުވެ މިިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަދުވަހު އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރައިވަޑައިގަތީ އޭނާގެ މައްޗަށް ދައުލަތުން ހަތް ދައުވާއެއް އުފުލާފައި ވަނިކޮށެވެ. އަދި ރާއްޖެ ވަޑައިނުގެން އިނގިރޭސި ވިލާތުގައި ހުންނަވާތަ މިހާރު ވަނީ އަހަރަކަށްވުރެ ގިނަ ދުވަސްވެފަ އެވެ.

ކްރިމިނަލް ކޯޓުން އަލީ ވަހީދުގެ މައްޗަށް ކޮށްފައިވާ ދައުވާތައް ބޭރުކޮށްލައި އަނބުރާ ޕީޖީ އޮފީހަށް ފޮނުވާލީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ. އެއީ އޭނާގެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ބަލައިގެންނެވެ. ގާޒީ ހަސަން ސައީދު ބައްލަވަމުން ގެންދެވި އެ މައްސަލަ އަނބުރާ ފޮނުވާލީ ކޯޓުގެ އަމިއްލަ އިހްތިޔާރުގަ އެވެ. ގިނަ ދުވަސް ވަންދެން ނުހިނގާ މައްސަލަތައް މީގެ ކުރިން ވެސް އަނބުރާ ފޮނުވާލާފައި އެބަހުއްޓެވެ.

އަލީ ވަހީދު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް މުއްދަތެއް ނެތްގޮތަށް ކޯޓުން ޕާސްޕޯޓް ދޫކޮށްލީ އެ މައްސަލާގައި ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ އަސްހަދު އަލީ ޖާމިނުވުމުންނެވެ. އަސްހަދު ޖާމިނުވެފައި ވަނީ ހަތަރު މަސްދުވަހުގެ ތެރޭގައި އަލީ ވަހީދު ރާއްޖެ ވަޑައިނުގެންފިނަމަ ޒިންމާ އަސްހަދު ނަގާ ގޮތަށެވެ. އަލީ ވަހީދު ރާއްޖެ ވަޑައިނުގަތުމުން އަސްހަދު 15 ދުވަހަށް ޖަލަށްލުމަށް ވެސް ކޯޓުން ހުކުމްކުރި އެވެ.

މި ތުހުމަތުތައް އޭނާގެ މައްޗަށް ކުރުމުން އިސްތިއުފާ ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންގެވުމުން ވެސް އިސްތިއުފާ ނުދެއްވުމުން ޖުލައި 9، 2020 ގައި އޭނާ މަގާމުން ވަކިކުރި އެވެ. އަލީ ވަހީދު ގެންދަވަނީ އިނގިރޭސި ވިލާތުގައި ހުންނަވައިގެން ދޭތެރެ ދޭތެރެއިން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.