އިންޑިއާގެ ނިއު ދިއްލީއަށް ނިސްބަތްވާ މި މީހާއަކީ އާއްމުކޮށް ކުނި ވަށިގަނޑުންނާއި ޑަސްބިންތަކުން ފެންނަ އެއްޗަކުން ކުޑަކުދިން ގަޔާވާ ފަދަ ކުޅޭ އެއްޗެހި އުފައްދާ މީހެކެވެ.

ދިއްލީގެ މަގުތަކުން ހޮވައިގެން ގެންނަ ސިނގިރޭޓު ބުރިތައް ސާފުކޮށް އެ ބްލީޗް ކުރުމަށްފަހު އުފައްދާ ފައިބާގެ ނަތީޖާއަކަށް ވަނީ ކުޑަކުދިން ނުހަނު ގަޔާވާ އެކި ކުލަތަކުގެ "ސޮފްޓް ޓޯއީސް" ތަކެވެ.

ސިނގިރޭޓު ކޮޅުން އުފައްދާ ފައިބާއަކީ ސޮފްޓް ޓޯއީސް ނުވަތަ އާއްމުކޮށްނަމަ މި ފެންނަ ޓެޑީ ބެއާތަކަށް ލައްވާފައިވާ ހުންނަ ކަފަ އެވެ.

ވިޔަފާރިވެރިޔާ ނަމަން ގުޕްތާގެ ޚިޔާލަކަށް އުފައްދަން ފަށާފައިވާ މި އުފެއްދުމަކީ އިންޑިއާއަށް ކުރިމަތިވެފައިވާ ކުނީގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެ އުފެއްދުމެކެވެ.

ވަރަށް އާދައިގެ ގޮތަކަށް ފެށި މި ވިޔަފާރި ފުޅާ ވަމުން ގޮސް މިހާރު ދުވާލެއްގެ މައްޗަށް ހާހަކަށްވުރެ ގިނަ ކިލޯގެ ފައިބާ އުފައްދާ ކަމަށް ނަމަން ބުނެ އެވެ.

އިންޑިއާގެ އާބާދީގެ 30 ޕަސެންޓަކީ ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނަށް ވާއިރު މި ނުބައި އާދައިން އުފެދޭ ކުނި ނައްތާލުމަށް ނަމަންގެ ވިޔަފާރިއަކީ ހަމަ އެއްވަނަ އެވެ.