ހުއްދަ ނުހޯދައި ބޮލީވުޑްގެ މަޝްހޫރު ތަރި އަމީތާބް ބައްޗަންގެ އަންހެނުން އަދި ކުރީގެ އެކްޓްރެސް، ޖަޔާ ބައްޗަންގެ ފޮޓޯ ނަގާތީ އޭނާ ރުޅިއަތުވެއްޖެ އެވެ.

ފޭނުން އޭނާގެ ހުއްދަ ނުހޯދައި ފޮޓޯ ނަގައި، ވީޑިއޯ ކުރުމާއި ގުޅިގެން މީގެ ކުރިން ވެސް އޭނާ ވަނީ އެކަމާ ނުރުހުން ފާޅުކޮށްފަ އެވެ. އެއަށްފަހު އަނެއްކާވެސް، އިންޑިއާގެ ބޯޕާލް ނަމަކަށް ކިޔާ ފައްޅީގައި އޭނާގެ ފިރިހެން ދަރިފުޅު އަބީޝޭކް ބައްޗަންއާއެކު ހުއްޓައި، ފޮޓޯ ނަގަން ފެށުމުން ޖަޔާ ވަނީ އާންމުންނާ ދިމާލަށް ހަޅޭލަވާފަ އެވެ.

ޖަޔާގެ ފޮޓޯ ނަގަން ފެށުމުން އޭނާ ވަނީ "މަނާ ކުރުމަށްފަހު ވެސް ފޮޓޯ ނަގަން ކެރެނީތޯ" އާންމުންނާ ސުވާލުކޮށްފަ އެވެ. އަދި "ކުޑަކޮށް ވެސް ލަދު ނުގަންނަނީތޯ" އާއި ބޯޕާލްގެ މީހުންގެ ލަދު ގަތުމެއް ވެސް ނެތީތޯ ސުވާލުކޮށްފަ އެވެ. މިހެން ބުނެ ޖަޔާ ވަނީ އޭނާ ދާން އުޅުނު ދިމާލަށް ހިނގައިގެންފަ އެވެ. ނަމަވެސް އަބީޝޭކް އޭނާގެ ފޭނުންނާއެކު ފޮޓޯ ނަގަން ފުރުސަތު ދިނެވެ.

ޖަޔާ މިހެން ބުނާ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވާން ފަށާފައިވާއިރު، ގިނަ ބަޔަކު ދަނީ ޖަޔާ އެގޮތަށް އާންމުންނާ މުހާތަބުކުރުމުން ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި ޖަޔާ ފަދަ މީހުންނަށް ފިލްމުތަކުން ރޯލުތަށް ދިނުމަކީ ރަނގަޅު ކަމެއް ނޫންކަމުގައި އާންމުން ބުނެފައިވެ އެވެ.