އއ. މާޅޮހުގެ ދެކުނުން ބަނޑުން ޖަހާލާފާއި އޮތް ލޯންޗެއް ފެނިއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ އެ ލޯންޗު ފެނުނު އިރު، އޭގައި އެއްވެސް މީހަކު ނެތެވެ. އަދި އެއީ ކޮން ރަށެއްގެ ލޯންޗެއް ކަމެއް ވެސް ސާފެއް ނުވާ ކަމަށް ވެސް އެމްއެންޑީއެފްއިން ބުނެ އެވެ.

ނަމަވެސް ފުލުހުން ބުނީ ބަނޑުން ޖަހާލާފާއި އޮއްވައި މާޅޮސް ކައިރިން މިއަދު ފެނުނު ލޯންޗަކީ މާލޭން އުކުޅަހަށް ދަތުރުކުރި ލޯންޗެއް ކަމަށާއި އެއިން ދަތުރުކުރި ދެ މީހުންގެ ތެރެއިން އެކަކު ފެނިފައި ވާއިރު އެކަކު ގެއްލިގެން ހޯދަމުން އަންނަ ކަމަށެވެ.

ފުލުހުން ބުނީ އެތަނުން އެކަކު ފެނުނީ އއ. ފެރިދޫ ފުއްޓަރާ ދިމާލުން ކަމަށާއި އެ މީހާ އަށް މިހާރު އެ ރަށު ސިއްހީ މަރުކަޒުން ފަރުވާދެމުން އަންނަ ކަމަށެވެ. އަދި ދެވަނަ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެހެންވެ، އެ ލޯންޗާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެކަން އެފަރާތައް އެންގުމަށް އެމްއެންޑީއެފުން އެދިފައިވެ އެވެ.

އެގޮތުން ލޯންޗާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ކޯސްޓްގާޑުގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 ،3398898 ނަންބަރަށް ގުޅުމަށް އެމްއެންޑީއެފް އިން އެދެ އެވެ.

ވައިބަ ކުރާނަމަ 9931082 އަދި ފެކްސް ކުރާނަމަ 3391665 ނަމްބަރަށް ފެކްސްކުރުމަށް ވެސް އެމްއެންޑީއެފްއިން ވަނީ އެދިފަ އެވެ.