މިއަހަރުގެ އޮގަސްޓު މަހުގެ ހަތް ވަނަ ދުވަހުގެ ރޭ އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުހައްމަދު ސައީދު މަރުވި ފަހުންވެސް ބޮޑެތި އަނިޔާތަކެއް ދީފައިވާ ކަމަށް ފުލުހުން ހާމަކޮށްފި އެވެ.

ފުލުހުން މިކަން ހާމަކޮށްފައި ވަނީ މަރުތަކާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

ފުލުހުން ތަހުގީގު ކުރަމުންދާ މަރުގެ ތިން މައްސަލައަކާއި ގުޅޭގޮތުން މައުލޫމާތު ދެމުން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ ޝިއާއު މަރުވި ފަހުން ވެސް ބޮޑެތި އަނިޔާތަކެއް ދީފައިވާކަން ޕޯސްޓް މޯޓަމް ރިޕޯޓުން ހާމަވާ ކަމަށެވެ.

މިމަރާ ގުޅިގެން ފުލުހުން ތަހުގީގަށް ދިޔައިރު ވެސް ޝިއާއުގެ މަރުގެ ތުހުމަތު ކުރެވޭ މީހާ އަލީ ޝާހިލް އެތަނުގައި ހުރި ކަމަށެވެ. އަދި އޭނާ އެރޭ ހައްޔަރުކުރި ކަމަށެވެ.

ޕޯސްޓްމޯޓަމް ރިޕޯޓުން ބޮޑެތި އަނިޔާތަކެއް ޝިއާއުއަށް ދީދައިވާކަން ހާމަވާ ކަމަށް ވެސް ވިދާޅުވި އެވެ.

ބަޝީރު ވިދާޅުވީ ޝާހިލްގެ ފަރާތުން މިމަރާއި ގުޅިގެން ކުރިއަށް ގެންދާ ތަހުގީގުގައި މާބޮޑު އެއްބާރުލުމެއް ލިބެމުން ނުދާ ކަމަށެވެ.

އޭނާ ޝިއާއު މަރާލަންޖެހޭ ސަބަބު އަދި ސާފުނުވި ނަމަވެސް އޭނާގެ ފޯނު ލިބި ފޯނުން ވެސް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވި އެވެ. އަދި ފޯނު ފުރަތަމަ ލިބުމުން ޝާހިލް އެއްބާރުލުން ނުދިން ކަމަށާއި އަދި ޕާސްވޯޑު ވެސް ދީފައި ނުވާ ކަމަށާއި، ނަމަވެސް ފުލުހުން ފޯނުގެ ޕާސްވޯޑް ބްރޭކް ކުރުމަށް ކުރި މަސައްކަތުން ބޭރުގެ ފަރާތްތަކުގެ އެހީއާ ވެސް އެކު ފޯނަށް އެކްސެސް ވެވިފައިވާ ކަމަށް ވެސް މި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުންޏެވެ.

މިމައްސަލާގައި މިހާތަނަށް 45 މީހަކާ ސުވާލު ކުރެވިފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ޝިއާއުގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ ޝާހިލްއަށް ކުށް ސާބިތު ކުރެވޭނެ ކަމާއިމެދު ޔަގީންކަން އެބައޮތް ކަމަށް ބަޝީރު ވިދާޅުވި އެވެ.