މި އަހަރުގެ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ކާށިދޫއަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ.

ރައީސް ސޯލިހަށް މަރުހަބާ ދެންނެވުމަށް އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބަނދަރު ސަރަހައްދަށް ވަނީ އެއްވެފަ އެވެ. މިއަހަރުގެ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ގުޅިގެން މިރޭ ހާއްސަ ރަސްމިއްޔާތެއް ކާށިދޫގައި ބޭއްވިގެންދާއިރު މިރަސްމިއްޔާތުގައި ރައީސް ސޯލިހު ބައިވެރިވަޑައިގަންނަވާނެ އެވެ.

އަދި، ޖަލްސާއަށް ފަހުގައި އޮންނަ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ޚާއްޞަ ޖާފަތުގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ އެވެ. މީގެއިތުރުން ކ.އަތޮޅު މަދަރުސާގައި ކުރިއަށްދާ ދަނޑުވެރިކަމުގެ މައުރަޒަށް ޒިޔާރަތްކުރައްވައި އެ މައުރަޒުގެ ސްޓޯލްތައްވެސް ރައީސް ބައްލަވާލައްވައި، ދަނޑުވެރިންނާއި ބައްދަލުކުރައްވާނެއެވެ.

މިއަހަރުގެ ދަނޑުވެރިންގެ ދުވަސް ޤައުމީ ފެންވަރުގައި ކާށިދޫގައި ފާހަގަކުރާއިރު، އެރަށަކީ ރާއްޖޭ ނިސްބަތުން ދަނޑުވެރިކަން ފުޅާދާއިރާއެއްގައި ކުރަމުން އަންނަ ރަށެކެވެ. އެރަށުގައި 819 މީހަކު ދަނޑުވެރިންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވެއެވެ.

ދަނޑުވެރިންގެ ދުވަހެއް ފާހަގަކުރުމުގެ މަޤްޞަދަކީ ރާއްޖޭގެ ކާނާގެ ޔަގީންކަން ކަށަވަރުކުރަން ދަނޑުވެރިން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމާއި ދަނޑުވެރިކަމުގެ މަސައްކަތް، ރާއްޖޭގެ އިގުތިޞާދުގައި ހިއްސާކުރާ މިންވަރު އިތުރުކުރުމަށްޓަކައި ޒުވާނުންނާއި މަސައްކަތްކުރާ އުމުރުގެ މީހުން ދަނޑުވެރިކަމަށް ޝައުގުވެރިކުރުވުމެވެ.

ކޮންމެ އަހަރަކުވެސް ޤައުމީ ފެންވަރުގައި ދަނޑުވެރިންގެ ދުވަސް އަންނަނަީ ފާހަގަކުރަމުންނެވެ