ކަލާޒް ޗެނެލުން ގެނެސްދިން ސިލްސިލާ "ސަސުރާލް ސިމަރު ކާ"އިން މަޝްހޫރުކަން ހޯދި ޓީވީ ބަތަލާ ވައިޝަލީ ތައްކާރު މަރުވެއްޖެ އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި 30 އަހަރުގެ ބަތަލާ މަރުވީ މަދިޔަ ޕްރަދޭޝްގެ އިންދޯރު ގޭގައި ދަންޖެހިގެންނެވެ. އޭނާ ދަންޖެހިފައި ހުއްޓައި ފެނުނީ މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ. ވައިޝާލީ އުޅެމުން ދިޔައީ ބައްޕައާ ބޭބެއާ އެކީގަ އެވެ.

މި ހާދިސާ މިހާރު ފުލުހުން އިތުރަށް ތަހުގީކުރަމުން އަންނަ އިރު އިންދޯރުގެ އެސިސްޓަންޓް ޕޮލިސް ކޮމިޝަނަރު އެމް ރަހްމާން ވިދާޅުވީ ވައިޝާލީގެ ކޮޓަރި ތެރެއިން ނޯޓެއް ފެނިފައިވާ ކަމަށާއި އެ ނޯޓްގައި އޭނަ ރައްޓެހިވެގެން އުޅޭ ކަމަށް ބެލެވޭ މީހާގެ ވާހަކަތަކެއް ހިމެނޭ ކަމަށެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ވައިޝާލީ އަމިއްލަ އަށް މަރުވީ ލޯބިވެރިޔާއާ ދެމެދު ޖެހުނު މައްސަލަތަކެއްގަ އެވެ. އަދި ލޯބިވެރިޔާގެ ފަރާތުން އޭނަ އަށް އަނިޔާތައް ލިބެމުންދ ދިޔަ ކަމަށެވެ. ވައިޝާލީގެ ހަށިގަނޑު މިހާރު ވަނީ ޕޯސްޓްމޯޓަމް ހަދަން ފޮނުވައިފަ އެވެ.

ވައިޝަލީ އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ "ސަސޫރަލް ސިމާރް ކާ" ގައި އަންޖަލީ ބާރަދްވާޖްގެ ރޯލު ކުޅެގެންނެވެ. ވައިޝަލީ އެންމެ ފަހުން ފެނިގެން ދިޔައީ ޓީވީ ޝޯ "ރަކްޝަބަންދާން" އިން ކަނާކް ސިންގަލް ސިންގް ތަކުރުގެ ރޯލުންނެވެ.

އޭނާ ޓީވީ އަށް ތާރަފްވީ އެންމެ ގިނަ ދުވަސްވީ ޓީވީ ސީރީޒް "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އިން ނެވެ. އެސީރީޒްގެ ސަންޖަނާގެ ރޯލުން 2015 އިން 2016 އަށް އޭނާ ވަނީ ފެނިގެން ގޮސްފަ އެވެ.