ފެނާއި ކަރަންޓްގެ ހިދުމަތަށް ގޭގެ ވެރިފަރާތަށް ބިލުކުރުމުގެ ބަދަލުގައި އެތަނެއް ކުއްޔަށް ހިފައިގެން އުޅޭ ފަރާތަށް ބިލްކުރެވޭ ގޮތަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނަށް އިސްލާހު ގެންނަން މަޖިލީހުން ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނަށް ހުށައަޅާފައިވާ މި އިސްލާހު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 57 މެންބަރުންގެ އިއްތިފާގުންނެވެ.

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނަށް މިފަދަ އިސްލާހެއް ގެނައި މައިގަނޑު ސަބަބަކީ ފެނާއި ކަރަންޓުގެ ހިދުމަތް ހޯދާ ފަރާތްތަކަށް ބިލުކުރާ މުއްދަތު ތަފާތުވުމުގެ ސަބަބުން ބިލު ދެއްކުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައި ދިނުމުގެ ބޭނުމުގަ އެވެ. އަދި ދެފަރާތުގެ ހައްގުތައް ހިމާޔަތްކޮށްދީ، ބިލަށް ފައިސާ ދެއްކުމުގައި މަދުވެގެން ދޭންޖެހޭނެ މުއްދަތު ކަނޑައެޅުމާއި ބެހޭ އުސޫލެއް ހެދުމާއި، ބިލު ދެއްކުމުގައި ލުއިތައް ދޭނެ އުސޫލުތަކެއް ގާއިމްކުރުމަކީ ވެސް މިފަދަ އިސްލާހެއްގެ ބޭނުން ކަމަށް ބަޔާންކޮށްފައިވެ އެވެ.

މަޖިލީހުން ފާސްކުރި އިސްލާހުގައި ފެނާއި ކަރަންޓުފަދަ އާންމު ބޭނުންތަކުގެ ހިދުމަތްތަކުގެ ތެރެއިން މީޓަރު މެދުވެރިކޮށް ދޭ ހިދުމަތްތަކުގައި މީޓަރު ރަޖިސްޓްރީކޮށްފައި ހުންނަން ވާނީ އިމާރާތުގެ ވެރިފަރާތުގެ ނަމުގައި ކަމަށްވީ ނަމަވެސް، އެ ހިދުމަތް ބޭނުންކުރަނީ މީޓަރު ރަޖިސްޓްރީކޮށްފައިވާ ފަރާތުން ނޫން ނަމަ، އެ ހިދުމަތް ބޭނުންކުރާ ފަރާތެއްގެ ނަމުގައި ރަޖިސްޓްރީ ކުރެވޭނެ ކަމަށް ބުނެފައިވެ އެވެ. އެކަން ކުރުމަށް އުސޫލުތަކެއް ހަދަން މި އިސްލާހުގައި ލާޒިމްކޮށްފައިވެ އެވެ.

މަޖިލީހުން މިގެނައި އިސްލާހުގެ ސަބަބުން، ހާއްސަކޮށް މާލޭގައި ދިރިއުޅުމަށް ކުއްޔަށް ދޫކުރާ ތަންތަނުގެ ބިލު ނުދެއްކުމުގެ މައްސަލައަށް ހައްލެއް ލިބޭނެކަމަށް މެންބަރުން ވަނީ ވިދާޅުވެފަ އެވެ. އަދި ތަނެއް ކުއްޔަށް ހިފާ ފަރާތުގެ ނަމުގައި ޔުޓިލިޓީ މީޓަރު ނުހުންނާތީ ސަބްސިޑީ ހޯދުމަށް ދިމާވާ ދަތިތަކަށް ވެސް މި އިސްލާހުގެ ސަބަބުން ހައްލެއް ލިބޭނެކަމަށް މެންބަރުން ވިދާޅުވި އެވެ.

ރާއްޖޭގައި މިހާތަނަށް އަމަލުކުރަމުން ދިޔަ އުސޫލަކީ ފެނާއި ކަރަންޓްގެ ހިދުމަތް ކޮންމެ މީހަކު ބޭނުން ކުރިޔަސް ގޭގެ ވެރި ފަރާތަށް ބިލު ކުރުމުގެ އުސޫލެކެވެ. އަދި ކުއްޔަށް އުޅޭ ފަރާތްތަކުން ބިލު ނުދެއްކިޔަސް އެކަމަށް އެ މީހާ ޒިންމާކުރަން ކޯޓަށް ދިއުން ނޫން ގޮތެއް ނޯވެ އެވެ.