އަންނަ މަހު ގަތަރުގައި ފަށާ މި އަހަރުގެ ވޯލްޑް ކަޕްގެ މެޗްތައް ލައިވްކޮށް މިފަހަރުވެސް ޕީއެސްއެމުން ގެނެސްދިނުމުގެ މަސައްކަތް ފަށައިފި އެވެ.

އަންނަމަހުގެ 20 ވަނަދުވަހު ފަށާ މުބާރާތުގެ މެޗުތައް ގެނެސްދިނުމަށް ޕީއެސްއެމުން މިއަދު ވަނީ މީޑިއާ ނެޓާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. ޕީއެސްއެމްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަލީ ޚާލިދެވެ.

ޕީއެސްއެމް އިން ބުނީ އެ އެއްބަސްވުމުގެ ދަށުން މިފަހަރުގެ ވޯލްޑް ކަޕްގެ މެޗްތައް ޕީއެސްއެމުން ދައްކަނީ އެކުންފުނީގެ ކުޅިވަރަށް ހާއްސަ ޗެނަލް "ޔެސް ޓީވީން ކަމަށެވެ.

މިފަހަރުގެ ވޯލްޑްކަޕުގެ މި ސަރަހައްދުގެ ބްރޯޑްކާސްޓިން ރައިޓްސް މިފަހަރު ނަގާފައިވަނީ "ވަޔަކޮމް 18" އިންނެވެ. މެޗްތައް ރާއްޖޭގައި ދެއްކުމަށް ރައިޓްސް ރާއްޖެއިން ގަނެފައިވަނީ މީޑިއާ ނެޓުންނެވެ.

ޕީއެސްއެމްގެ އިތުރުން މިފަހަރުގެ މިބާރާތުގެ މެޗްތައް ދައްކާނީ ރާއްޖެ ޓީވީ އާއި މީޑިއާ ނެޓުން ހިންގާ އައިސް ޕްލަސް އިންނެވެ.

ވޯލްޑްކަޕްގެ ފުރަތަމަ މެޗްގައި އަންނަ މަހުގެ 20 ވަނަދުވަހު ބައްދަލުކުރާނީ މުބާރާތް ބާއްވާ ޤަތަރާއި އިކުއެޑޯއެވެ. 32 ގައުމަކުން ވާދަކުރާ މުބާރާތް ޑިސެމްބަރު މަހުގެ 18 ވަނަދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

1986 ވަނަ އަހަރުން ފެށިގެން މި މުބާރާތް ޕީއެސްއެމުން އަންނަނީ ބެލުންތެރިންނާއި ހަމައަށް ގެނެސްދެމުންނެވެ.