ސްކޫލުތަކުގައި ދިވެހި ބަސް އެކަށީގެންވާ ފެންވަރަކަށް ކިޔަވައި ނުދެވޭ ކަމަށް އަބަދު ވެސް ވާހަކަ ދެކެވޭ. އެއީ އާންމުކޮށް ދިވެހި ބަހުގެ ފެންވަރު ދަށްވުމަށް މެދުވެރިވާނެ މައިގަނޑު އެއް ސަބަބު ކަމަަށް ބެލެވިދާނެ. ކުޑަކުދިންނަށް ދިވެހި ބަހުން ވާހަކަ ދެއްކުމަށް ލިބޭ ފުރުސަތު މަދުވުމަކީ ވެސް ސަބަބަކަށް ވާނެ. ދަރިވަރުން ސްކޫލަށް ވަނީއްސުރެ ސްކޫލު ގަޑި ނިމެންދެން ވާހަކަ ދައްކަން ޖެހިފައި އޮންނަނީ އިނގިރޭސި ބަހުން. އިސްލާމް މުދައްރިސާއި ދިވެހި މުދައްރިސް ފިޔަވައި އެހެން ޓީޗަރުންނާ މުއާމަލާތު ކުރަން ޖެހެނީ އިނގިރޭސި ބަހުން. އެހެންކަމުން ދަރިވަރުން ދިވެހި ބަހަށް ފަރިތަވާނެ ގޮތެއް ނެތް.

ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ދިވެހި ބަސް ލެޓިން އަކުރުން ލިޔާއިރު "ޏ" ލިޔަންވާ ތަނަތަނުގައި އިނގިރޭސި ބަހުގެ ވައި ބޭނުންކޮށްގެން ލިޔެ އުޅޭތާ ޒަމާންތަކެއް ވެއްޖެ އެވެ.

ފުރަތަމަ ހީވީ އެއީ ދިވެހި ބަސް ލެޓިނުން ލިޔުމާ ބެހޭ ގަވާއިދު ފަހުގެ ޖީލުތަކަށް ނޭނގުމުގެ ސަބަބުން ޏ ލިޔުމުގައި އަރާ އޮޅުމެއް ކަމަށެވެ. ދެން ފެނުނީ ދިވެހި ބަހުން ލިޔެފައި ހުންނަ ނޫސްތަކުގެ ކޮމެންޓު ބައިގައި ތާނަ އަކުރުން ލިޔާއިރު ވެސް ޏަވިޔަނީގެ ބަދަލުގައި ޔާ ބޭނުން ކުރާ ތަނެވެ.

ދިވެހި ބަހުން އާންމުކޮށް ވާހަކަ ދައްކާ ނުއުޅެވޭތީ ހަގީގަތުގައި ޏަވިޔަނީގެ އަޑުގެ ބަދަލުގައި ބަޔަކު ޔާގެ އަޑު ބޭނުންކުރަމުން ދަނީއޭ ހިތަށް ވެސް އަރާނެ ފުރުސަތެއް ނުލިބެ އެވެ. އެ ހަގީގަތަށް ހޭލެވުނީ ދާދި މިދާކަށް ދުވަހު އަޑު އިވުނު ދިވެހި ލަވަޔަކުންނެވެ. އެ ލަވައިގައި ރާއްޖޭގެ މަޝްހޫރު ފިރިހެން ލަވަ ކިޔުންތެރިޔަކު ކިޔާއަޑު އިވެނީ "ހާދަހާފިންޔޭ ދަންވަރު" މިހެންނެވެ. އެ އަޑު އިވުމުން ގަބޫލު ކުރަން ދަތިވި އެވެ. އެހެން ކަމުން ދެތިން ފަހަރު އެތަންކޮޅު ތަކުރާރުކޮށް ޖަހައިގެން ވެސް ފިންޏޭގެ ބަދަލުގައި ކިޔާ އަޑު އިވުނީ ފިންޔޭ އެވެ. އެ ހިސާބުން ދިވެހި ބަހުގެ އަޑުތަކަށް ބަދަލުތަކެއް އެބަ އަންނަ ކަމާމެދު ވިސްނާލަން ޖެހުނެވެ.

ދިވެހި ބަހުގެ އަޑެއް ކަމަށްވާ "ޔާ"ގެ އަޑު ބައެއް ދިވެހިންނަށް ދޫކޮށް ލެވިއްޖެކަމަށް ހީވެފައި އޮއްވައި ދެން ދިމާވީ އަދި މުޅިން ތަފާތު ކަމެކެވެ. ބަހުގެ ގަވާއިދުތަކާ ހަމަތަކަށް ހޭލުންތެރިކުރުވުމަށް މަސައްކަތްކުރާ ފޭސްބުކު ޕޭޖެއްގައި ދޯނީގެ ވާހަކަ މީހަކަށް ބުނެ ދޭންވެގެން ލިޔެފައި އޮއްވާ ފެނުނީ ދޯންޔެކެވެ. މިގޮތަށެވެ! މި ބަސް އެތަނުން ފެނުމުން އެއީ އޮޅިގެން ލިޔެވިފައި އޮތް ގޮތެއްތޯ ސުވާލު ކޮށްލީމެވެ. ޖަވާބު އައީ ހީވެސް ނުކުރާފަދަ ހަރުކަށި ކޮށެވެ.

ތާނަ އަކުރު: ބަހުގެ އަޑުތައް ޅަ ދަރިންނަށް ދަސްކޮށް ދޭން ޖެހޜ

ދިވެހި ބަހަކީ ރަދީފުގައި ތައްގަނޑު ޖަހައިފައި އޮންނަ އެއްޗެއް ނޫން ކަމަށާއި ނޭނގޭ ކަމަށް ވާނަމަ ގޫގުލް ކޮށްގެން ދަސްކުރާށޭ ބުންޏެވެ. އެއާއެކު ދެން އޮތީ ދިވެހިބަހުން ދޯންޏެއްގެ ބަދަލުގައި ދޯންޔެކޭ ލިޔެފައި އޮތް ދެތިން ޖުމްލައެއްގެ ސްކްރީން ޝޮޓްތަކެކެވެ. އެ ހިސާބުން ދިވެހި ބަހުގެ ހާލަތު ވެއްޓިފައި އޮތް ވަޅުގަނޑުގެ ފުންކަން ކޮންމެވެސް މިންވަރަކަށް އަންދާޒާ ކޮށްލެވިއްޖެ އެވެ. ސުވާލަކީ މިފަދަ ނިކަމެތި ހާލަތަކަށް ދިވެހި ބަސް ދިއުމުގެ ޒިންމާ ނަގާނީ ނުވަތަ އެ ޒިންމާ އަޅުވަންވީ ކޮން ބައެއްގެ ބޮލުގައި ހެއްޔެވެ؟

ސްކޫލުތަކުގައި ދިވެހި ބަސް އެކަށީގެންވާ ފެންވަރަކަށް ކިޔަވައި ނުދެވޭ ކަމަށް އަބަދު ވެސް ވާހަކަ ދެކެވެ އެވެ. އެއީ އާންމުކޮށް ދިވެހި ބަހުގެ ފެންވަރު ދަށްވުމަށް މެދުވެރިވާނެ މައިގަނޑު އެއް ސަބަބު ކަމަަށް ބެލެވިދާނެ އެވެ. ކުޑަކުދިންނަށް ދިވެހި ބަހުން ވާހަކަ ދެއްކުމަށް ލިބޭ ފުރުސަތު މަދުވުމަކީ ވެސް ސަބަބަކަށް ވާނެ އެވެ. ދަރިވަރުން ސްކޫލަށް ވަނީއްސުރެ ސްކޫލު ގަޑި ނިމެންދެން ވާހަކަ ދައްކަން ޖެހިފައި އޮންނަނީ އިނގިރޭސި ބަހުންނެވެ. އިސްލާމް މުދައްރިސާއި ދިވެހި މުދައްރިސް ފިޔަވައި އެހެން ޓީޗަރުންނާ މުއާމަލާތު ކުރަން ޖެހެނީ އިނގިރޭސި ބަހުންނެވެ. އެހެންކަމުން ދަރިވަރުން ދިވެހި ބަހަށް ފަރިތަވާނެ ގޮތެއް ނެތެވެ.

ކުޑަކުދިންނާއި ޒުވާނުން ބަހަށް ކޮށިވަމުން ދާއިރު މިހާރު ދިމާވެފައިވާ ބަހުގެ ބައެއް އަޑުއަޑު ނުބައިކޮށް ކިޔުމުގެ މައްސަލަ ނިކުންނަނީ ވަރަށް ޅަފަތުގައި ވެވޭ އިހުމާލެއްގެ ސަބަބުންނެވެ. އެންމެ ޅަފަތުގައި ގޭގެ މާހައުލުން ވެސް ބަހުގެ ރަނގަޅު އަޑުތަކާއި މަޚުރަޖުތައް ކުދިންނަށް ދަސްވާން ޖެހެ އެވެ. އެކަމަށް ބެލެނިވެރިންގެ ހޭލުންތެރިކަން ދަށްކަމުގައި ވާނަމަ ބެލެނިވެރިން ހޭލުންތެރިކުރުވުމަކީ ތައުލީމީ އިދާރާތަކުގެ ޒިންމާއެކެވެ.

ޒުވާން ޖީލަށް ބަހުގެ އަޑުތައް ފުރިހަމައަށް ކިޔަން ނޭނގޭ އެންމެ ބޮޑު ސަބަބަކީ އެކުދިންނަށް ބަހުގެ އަޑުތައް ދަސްކޮށްނުދެވުމެވެ. ކުދިންގެ ދިވެހި ބަހުގެ ބަސްކޮށާރު މުއްސަނދި ކުރުވައި، ބަސްބަސް ރަނގަޅު އަޑުން ރަނގަޅަށް ބޭނުންކުރަން ދަސްކޮށްދިނުމަށް ސްކޫލުތަކުން މަސައްކަތެއް ނުކުރެ އެވެ. މުގައްރަރާ ސިލަބުހުގައި ވެސް އެކަމެއް ނޯވެ އެވެ.

އަމީނިއްޔާ ސްކޫލްގެ ކުދިންތަކެއް ކްލާހެއްގައި ކިޔަވަނީ. ފޮޓޯ: އަމީނިއްޔާ

މިއަދު ގަބޫލުކުރަން ޖެހޭ ހަގީގަތަކީ އިނގިރޭސި ބަހާ އެއްވަރަކަށް ދިވެހި ބަހުން މުއާމަލާތްކުރުމުގެ ފުރުސަތު ކުދިންނަށް ނުލިބޭކަމެވެ. އެހެންކަމުން ބަހުގެ ގަވާއިދުގެ އިތުރުން ބަހުގެ އަޑުތަކާއި ބަސް ބޭނުންކުރާނެ ރަނގަޅު ގޮތް ސްކޫލުތަކުގައި ދަސްކޮށްދޭން ޖެހެ އެވެ. އިނގިރޭސި ބަސް ވެސް ކުދިންނަށް އެނގި ފަރިތަ ވަނީ އެ ބަސް ރަނގަޅަށް ދަސްކުރަން ކުރެވޭ މަސައްކަތުގެ ސަބަބުންނެވެ. ސްޕެލިންގާއި ބަސް ކިޔާ ރަނގަޅު ގޮތް ދަސްކޮށް ދިނުމަށް ޕްރައިމަރީ ކްލާސްތަކުގައި ވަރަށް ބޮޑު ސަމާލު ކަމެއް ދެވެ އެވެ.

ދިވެހި ބަހަށް ކުދިން ކޮށިވެ، ބަހުގެ އަޑުތައް ގެއްލިގެން ދަނީ އެ ކަމަށް ސްކޫލުތަކުގައި އަޅާ ނުލެވޭތީ އެވެ. އެކަން ރަނގަޅު ކުރަން ބޭނުން ނަމަ ދިވެހި މުގައްރަރަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހެ އެވެ. އެކަން ކުރެވޭނީ އެޑިއުކޭޝަން މިނިސްޓްރީގެ ވެރިންނަށް ކަމުގެ މުހިންމު ކަން އިހުސާސް ކުރެވުނު ދުވަހަކުންނެވެ. ޒިންމާ އޮތީ އެ ފަރާތްތަކުގެ ކޮނޑުގަ އެވެ.