ކޮވިޑް ރޯގާގެ ވެކްސިން އުފެއްދި ކުންފުނިތަކަށް މިއަހަރު އަދި ކުރިއަށް އޮތް އަހަރުތަކުގައި ވެސް ބޮޑު ފައިދާއެއް ލިބޭނެކަމަށް ލަފާކޮށްފި އެވެ. 2021 ވަނަ އަހަރަކީ ކޮވިޑް ވެކްސިން އުފެއްދި ކުންފުނިތަކަށް ކާމިޔާބު އަހަރަކަށް ވެގެންދާނެ އަހަރެކެވެ.
ވޯލް ސްޓްރީޓް އެނަލިސްޓުން ލަފާކުރާ ގޮތުގައި އަންނަ އަހަރު އެކަނި ވެސް ވެކްސިންގެ އާމްދަނީން ފައިޒާ އަދި މޮޑާނާއަށް 32 ބިލިއަން ޑޮލަރުގެ ފައިދާއެއް ލިބޭނެ އެވެ.
އެމެރިކާގެ މަލްޓިނޭޝަނަލް ފާމަސޫޓިކަލް ކުންފުނި ފައިޒާއަކީ 1849 ވަނަ އަހަރު އުފެދުނު ކުންފުންޏެކެވެ. ކޮވިޑް ވެކްސިން އުފެއްދުމުގެ މަސައްކަތުގައި އެހީތެރިވުމަށް ފައިޒާ އިން ވަނީ ޖަރުމަނުގެ ބަޔޯ އެން ޓެކް ކުންފުންޏާއެކު އެއްބަސްވުމެއް ހަދާފަ އެވެ. އަދި މި ވެކްސިން އުފައްދާފައިވަނީ މި އެއްބަސްވުގެ ދަށުންނެވެ.
އެމެރިކާގެ އިންވެސްޓްމަންޓް ބޭންކް، މޯގަން ސްޓޭންލީން ލަފާކުރާ ގޮތުގައި ދުނިޔޭގެ ހުރިހާ އެއްމެންނަށް ވެކްސިން ދިނުމުގެ ހަރަކާތަކީ ކުރިއަށް ދެތިން އަހަރަށް ދިގުދެމިގެންދާނެ ކަމެއް ކަމުން އިތުރު 9.3 ބިލިއަން ޑޮލަރު ފައިޒާ ކުންފުންޏަށް ލިބޭނެ އެވެ.
ފައިޒާ ކުންފުންޏަކީ މިހާރުވެސް މުޅި ދުނިޔޭގައި ވިޔަފާރިކުރާ ބޮޑު ބިޔަ ކުންފުންޏެއް ކަމުން ކޮވިޑް ވެކްސިންގެ ފައިދާގެ ސަބަބުން ކުންފުނީގެ ހިއްސާގެ އަގަށް މާކަބޮޑު ބަދަލެއް ނާންނާ އެވެ. ނަމަވެސް ކޮވިޑް ވެކްސިން ވެގެންދާނީ އެ ކުންފުނީގެ މިއަހަރުގެ އެންމެ ރަނގަޅު ޕްރޮޑްކްޓަށެވެ. މިދިޔަ އަހަރު އެންމެ ރަނގަޅު ޕްރޮޑްކްޓަކަށް ހޮވިފައިވަނީ ނިއުމޯނިއާ އަށް ފަރުވާ ކުރުމަށް އެކުންފުނިން އުފެއްދި ނިއުމޯނިއާ ވެކްސިނެވެ. މި ވެކްސިން ވިއްކައިގެން 5.8 ބިލިއަން ޑޮލަރުގެ ފައިދާ އެކުންފުންޏަށް ލިބިފައިވެ އެވެ.
މިއާ ހިލާފަށް ބަޔޯ އެން ޓެކްގެ ހިއްސާގެ އަގުވަނީ ވަރަށް ބޮޑަށް މަތިވެފަ އެވެ. އެކުންފުނީގެ އެމެރިކާގެ ހިއްސާ ބާޒާރުގެ އަގުތަށް ވަނީ 300 ޕަސެންޓް މަތިވެފަ އެވެ. އަދި މިކަމުގެ ސަބަބުން ކުންފުނީގެ އަގު މިހާރުވަނީ 30 ބިލިއަން ޑޮލަރުގަ އެވެ.
ފައިޒާ އަށް ވުރެ ބޮޑަށް މޮޑާނާއަށް މި ކާމިޔާބީ ހާއްސަވާ ސަބަބަކީ މީގެ 10 އަހަރު ކުރިން އުފެއްދި އެމެރިކާގެ ބަޔޯ ޓެކްނޮލޮޖީ ކުންފުނި މޮޑާނާ އަކީ ވަރަށް ޅަ އެހާ މަޝްހޫރު ކުންފުންޏެއް ނޫނެވެ. ބޭހާއި، ވެކްސިން އުފެއްދުމުގެ ރޭހުގައި ވެސް އެހާ ކުރީގައި އުޅޭ ބައެއް ނޫނެވެ. ނަމަވެސް އެކުންފުނިން ބޭނުންކުރި އެމްއާރްއެންއޭ ޓެކްނޮލޮޖީ މިވަނީ ކޮވިޑް ރޯގާއަށް ހައްލުހޯދައި ކުންފުންޏަށް ވެސް ކާމިޔާބު ހޯދާފަ އެވެ.
ކޮވިޑް ވެކްސިންއަށް ލިބުނު ކާމިޔާބާއެކު މޮޑާނާ ކުންފުނީގެ ހިއްސާގެ އަގުވަނީ 700 ޕަސެންޓް މައްޗަށް ޖެހިފަ އެވެ. މިދިޔަ އަހަރު ފައިދާގެ ގޮތުގައި 60 މިލިއަން ޑޮލަރު ޖެހުނު މިކުންފުނި މިހާރު މިވަނީ 62 ބިލިއަން ޑޮލަރުގެ އަގު ބޮޑު މަޝްހޫރު ކުންފުންޏަކަށް ވެފަ އެވެ.
މޯގަން ސްޓޭންލީން ލަފާކުރާ ގޮތުގައި ކޮވިޑް ވެކްސިނުން އެކަނިވެސް ކުރިއަށް އޮތް ދެއަހަރުގައި 10 ނުވަތަ 15 ބިލިއަން ޑޮލަރުގެ ފައިދާއެއް ކުންފުންޏަށް ލިބޭނެ އެވެ.
ވެކްސިން އުފެއްދުމުގައި ބޭނުންކުރި އެމްއާރުއެންއޭ ޓެކްނޮލޮޖީއަކީ އަންމުކޮށް ވެކްސިން އުފައްދާ ގޮތާއި ތަފާތު ގޮތެކެވެ. ކުރިން ވެކްސިން އުފެއްދުމަށް އަސްލު ވައިރަސް ބޭނުންކުރި ނަމަވެސް އެމްއާރުއެންއޭ ޓެކްނޮލޮޖީގައި ބޭނުންކުރަނީ ވައިރަސްގެ ޖެނެޓިކް މެޓީރިއަލް އެވެ. އަދި މިކަމުގެ ސަބަބުން ވައިރަސް އާއި ހަނގުރާމަށް ގިނަ އަދަދަކަށް އެންޓިބޮޑީޒް އުފައްދަ އެވެ.
ވެކްސިންގެ ނަތީއްޖާ ރަނގަޅުވުމުން ބޭނުންކުރުމުގެ ހުއްދަ ބައެއް ގައުމުތަކުގައި ވަނީ ދީފަ އެވެ. އިންވެސްޓަރުންނަށް އޮތް ހަމަޖެހުމަކީ ފައިޒާ އަދި މޮޑާނާއިން މި ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފެއްދި ވެކްސިންގެ ހުރިހާ މަރުހަލާއެއް ވެސް ކާމިޔާބުކަމެވެ. އަދި ވެކްސިން ބޭނުންކުރުމުގެ ހުއްދަ ގައުމަކަށްފަހު ގައުމަކުން ދެމުންގެންދާތީ އެވެ.
ކާމިޔާބު ވެކްސިނެއް އުފެއްދިއްޖެނަމަ ދުނިޔޭގެ ގައުމުތަކަށް މިހާރު ދިމާވެފައިވާ އިގްތިސާދީ ހީނަރުކަމުން އަރައިގަންނަށް ފުރުސަތު ފަހިވެގެން ދާނެ އެވެ. އެއާލައިންތަކުގެ ދަތުރުތައް ފެށި އެއްގައުމުން އަނެއް ގައުމަށް މީހުން ދަތުރުކޮށް، ހޮޓާތަކާއި ރެސްޓޯރެންޓްތައް އަލުން ހުޅުވިގެންދާނެ އެވެ. އަދި ވަޒީފާ ގެއްލުނު އެތަކެއް މިލިއަން މީހުން ވަޒީފާތަކަށް އަލުން ނިކުމެވޭ ގޮތް ވާނެ އެވެ. ނަމަވެސް ދުނިޔެއަށް ކުރިމަތިވެފައިވާ މި ދަތި އުނދަގޫ ދުވަސްވަރު ކުންފުނިތަކުން ކޮވިޑް ވެކްސިން ވިއްކައިގެން ބޮޑު ފައިދާއެއް ނަގާތީ ބައެއް ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ.
އެކައުންޓަބަލް ޔޫއެސްގެ ސްޕޯކްސް ޕާސަން އެލީ ޒަޕްނިކް ވިދާޅުވި ގޮތުގައި ކޮވިޑް-19 އަށް އަވަސް ހައްލެއް ހޯދުމަށް ކުންފުނިތަކަށް ޓެކްސް ޕޭޔަރުންގެ ފައިސާ ދީގެން އަދި ސަބްސިޑައިޒް ކޮށްގެން އުފައްދާ ވެކްސިނަކުން ކުންފުނީގެ ބޮޑެތި މީހުންނާއި އަދި ކުންފުންޏަށް ބޮޑު އަދަދުން މާލީ މަންފާ ވުމަކީ މިފަދަ ދުވަސްވަރެއްގައި ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ.
ފައިޒާ އިން ނެރުނު ބަޔާނެއްގައި އެކުންފުނިން ބުނެފައިވަނީ މި ދަތި ދުވަސްވަރުން އަރައިގަތުމަށް ހައްލެއް ހޯދުމަށް ވެކްސިން ތައްޔާރުކުރުމާއި، އުފެއްދުމުގެ ހުރިހާ ހަރަދެއް ވެސް ކުރަން ނިންމާފައިވަނީ އެކުންފުނިން އަމިއްލައަށް ކަމަށާއި މިހާރު ވެސް މިކަމަށް ބިލިއަނުން ހަރަދުކޮށްފައިވާ ކަމަށެވެ.
ނަމަވެސް، ވެކްސިން އުފެއްދުމުގެ ފަހުގެ މަރުހަލާގައި ދެން އުޅޭ ދެ ކުންފުނި ކަމަށްވާ ޖޯންސަން އެންޑް ޖޯންސަން އަދި އެސްޓްރާ ޒެނެކާ އިން ވަނީ އެމީހުން އުފައްދާ ވެކްސިން ހެޔޮއަގުގައި ލިބޭނެ ކަމަށާއި އެމީހުން އިސްކަންދޭނީ ކުންފުނީގެ ފައިދާއަށްވުރެ ބޮޑަށް މި ބަލިމަޑުކަމުން އަރައިގަތުމަށް ބުނެފަ އެވެ. ސީއެންއެން