ޗާގޯސް މައްސަލައިގައި ރާއްޖެއިން މިހާތަނަށް ގެންގުޅުނު ސްޓޭންޑް ބަދަލުކޮށް ރާއްޖެއިން މޮރިޝަސްއާއި އެއްކޮޅަށް ޖެހުމުން ޖުމްހޫރީ ޕާޓީގެ ލީޑަރު މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ސަރުކާރަށް ފާދުވިދާޅުވެއްޖެ އެވެ.
ގާސިމް ވިދާޅުވީ ދިވެހިން އެދެނީ "ބޮޑުބޭބެ"ގެ އެދުމަށް ތިމާގެ އަމިއްލަ މުދަލެކޭ ހިތައި ގައުމުން ބައެއް ދޫކޮށްލާފައިނުވާކަން ދިވެހިންނަށް ސާބިތުކޮށްދިނުމަށް ކަމަށާއި ދިވެހި ސަރުކާރުން ރާއްޖޭގެ އަންނަން އޮތް ޖީލުތަކުގެ މަސްލަހަތުގެ ހިމާޔަތުގައި ސަރުކާރުން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާތަން ފެނުން ކަމަށެވެ.
ރާއްޖޭގެ ބިމާއި، ޖައްވާއި ކަނޑުންވެސް އެންމެ ކޮނޑި އިންޗިއެއްވެސް ގެއްލޭކަށް ނުވަތަ ބަޔަކަށް ދޭކަށް، ގައުމީ ލޭ ހުރި އެއްވެސް ދިވެއްސަކު ނޭދޭނެ ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުގެ އިން ވަކިކުރި ކަމުގައިވީ ނަމަވެސް އެކަން ކުރާއިރު ބައިނަލްއަގުވާމީ ގާނޫނުން ރާއްޖެއަށް ލިބޭ އެއްވެސް ހައްގެއް ނުވަތަ އިމްތިޔާޒެއް އަދި ނެގެން އޮތް އެޑްވާންޓޭޖެއް ދޫކޮށްލުމަކީ ދިވެހި ރައްޔިތުން ހުއްދަ ނުދެނީސް ރުހެވޭނެ ކަމެއް ނޫން ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.
އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އަށް ހުށަހަޅާފައިވާ އެ މައްސަލައިގައި ރާއްޖެއިން މީގެ ކުރިން އަބަދުވެސް ވޯޓު ދީފައިވަނީ އިނގިރޭސިވިލާތާ އެއްކޮޅަށެވެ. އެގޮތުން އެ މައްސަލަ އިޓްލޮސްއަށް ފޮނުވަން 2017ގައި އދ.ގައި ނެގި ވޯޓުގައި ވެސް ރާއްޖޭން މޮރިޝަސްއާ ދެކޮޅު ހެދި އިރު، މޮރިޝަސްއާ އެއްކޮޅަށް އެ ކޯޓުން 2019 ގައި ކުރި ހުކުމް ބަލައިގަންނަން އދ.ގެ އާންމު މަޖިލީހުން ފާސްކުރި އިރު ވެސް ރާއްޖޭން ވޯޓު ދިނީ އެ ރަށްތައް އިނގިރޭސިވިލާތުގެ ތަނެއްގެ ގޮތުގައި ބާއްވާށެވެ.އެކަމަކު ރާއްޖޭގެ އެ ސްޓޭންޑު ބަދަލުކޮށްފައިވާކަން ހާމަކޮށް، ބަންޑާރަ ނައިބު ރިފްއަތު ހާމަކުރެއްވީ، ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ބައިކޮށް ވަކިކުރުމާ ގުޅޭ ގޮތުން ކަމާ ބެހޭ ބައިނަލްއަގުވާމީ ޓްރައިބިއުނަލްގައި މިހާރު ކުރިއަށްދާ މައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހު ވާހަކަ ދައްކަވަމުންނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވަނީ މިކަން ހާމަކޮށް މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީފުޅެއް ވެސް ފޮނުވާފަ އެވެ.