މަޖީދިއްޔާ ސްކޫލަކީ ހަމައެކަނި މަދުރަސާއެއް ނޫން ކަމަށާއި، އެއީ މި ގައުމުގެ މިސްރާބު ސީދާކޮށްދޭ ހުންގާނުކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

ރައީސް ވަނީ މި ހުންގާނުގައި މިއަދު ހިފަހައްޓައިގެން ތިބި މަޖީދިއްޔާ ސްކޫލް ދަރިވަރުންނަކީ ގައުމަށް ފައިދާވާ ފަދަ ހަރުދަނާ ކުދިންތަކަކަށްވުމަށް އެދިވަޑައިގެންފަ އެވެ.

މަޖީދިއްޔާ ސްކޫލްގެ 95 ވަނަ އަހަރީ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ރައީސް ވަނީ މަޖީދިއްޔާ ސްކޫލުގެ މުއްސަނދި ތާރީޚަށް އަލިއަޅުއްވާލައްވާފަ އެވެ. އަދި އެ ސްކޫލުން ކިޔަވައިގެން ނިކުތް ގިނަ ދަރިވަރުންނަކީ ރާއްޖެއަށް އެކި ގޮތްގޮތުން ޚިދުމަތް ކޮށްދެއްވާފައިވާ އަދި ޚިދުމަތް ކޮށްދެއްވަމުން ގެންދަވާ ބޭފުޅުންކަން ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ އެ މަނިކުފާނު އަމިއްލަފުޅަށް މިއަދު ވަޑައިގެންނެވިފައިވާ ހިސާބަށް ވަޑައިގަތުމުގައި މަޖީދިއްޔާ ސްކޫލު މުހިއްމު ދައުރެއް އަދާކުރައްވާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

މަޖީދިއްޔާ ސްކޫލްގެ 95 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ރައީސް ސޯލިހު ވާހަކަދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

"މީހުންނަށް އިހުތިރާމްކުރުމާއި އެހެން މީހުންނަށް އެކުގައި އުޅެން ދަސްކުރުމާއި ދިރިއުޅުމުގައި ބޭނުންވާ މިފަދަ ހުރިހާ ކަމެއް އަޅުގަނޑަށް ލިބުނީ މި ހިޔާވަހިކަމުގެ ދަށުންކަމުގައި ދަންނަވަން އަޅުގަނޑަށް ކެރިދާނެ. ސްކޫލްގެ ޕްރިފެކްޓެއްގެ ގޮތުގަ އާއި ސިކަންދަރީ ހައުސްގެ ކެޕްޓަންގެ ގޮތުގަ އާއި ސްކޫލްގެ ގޭމްސް ކެޕްޓަންގެ މަގާމުގައި ހުރެ އަދާކުރަން ޖެހުނު ދައުރަކީ އަޅުގަނޑުގެ ދިރިއުޅުމުގެ އަމަލީ މައިދާނަށް މަގުކޮށައިދިން ކަންކަން،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ މިއަދު މަޖީދިއްޔާ ސްކޫލަކީ ހަމައެކަނި މަދުރަސާއެއް ނޫން ކަމަށެވެ.

މަޖީދިއްޔާ ސްކޫލްގެ 95 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ރައީސް ސޯލިހު އެ ސްކޫލްގެ މުވައްޒަފަކަށް ހަނދާނީ ފިލައެއް ދެއްވަނީ. ފޮޓޯ: ރައީސް އޮފީސް

މަޖީދިއްޔާގެ ޒިންމާއާއި މަސްއޫލިއްޔަތު އެއަށްވުރެ ފުޅާވެފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މަޖީދިއްޔާއަކީ މި ގައުމުގެ މިސްރާބު ސީދާކޮށްދޭ ހުންގާނު ކަމަށެވެ. އަދި އެހުންގާނުގައި މިއަދު ތިބި ދަރިވަރުންގެ ކިބައިން ރައީސް ވަނީ ގައުމު އަމާން އައްސޭރިއަކަށް ގެންގޮސްދެއްވުމުގެ މަތިވެރި ޒިންމާ ހުޝިޔާރުކަމާއެކު ނެގުމަށް އެދިވަޑައިގަންނަވާފަ އެވެ. އަދި ކޮންމެ ކުއްޖަކަށް ވެސް ލިބޭނެ އެންމެ ޝަރަފުވެރި މެޑައްޔަކީ ރިވެތި އަޚްލާގު ކަމަށް ރައީސްވަނީ ވިދާޅުވެފަ އެވެ. މިގޮތުން ކޮންމެ ދާއިރާއަކުން ކުރިއަށް ދާން އަމާޒު ހިފިކަމުގައިވީ ނަމަވެސް ރިވެތި އަޚްލާގަކީ ކޮންމެ ކުއްޖަކަށްވެސް ކޮންމެ މައިދާނެއްގައި ވެސް އެހީތެރިވެދޭނެ އަދި ކާމިޔާބު ހޯދައިދޭނެ ބައިވެރިއެއް ކަމަށް ރައީސް ވިދާޅުވި އެވެ.