މޮސްކޯ (02 ނޮވެމްބަރު) - ރަޝިއާގެ ރައީސް ލަމިޑިއާ ޕުޓިންއަށް ޕާކިންސަންސް ބައްޔާއި ޕެންކްރިއޭޓިކް ކެންސަރަށް ފަރުވާ ހޯދަމުން އަންނަ ކަމަށް ލީކުވެފައިވާ ޖާސޫސީ ލިޔުންތަކެއް ބުނެފި އެވެ.
މި ރިޕޯޓު އައިސްފައި މިވަނީ އާއްމު ބައެއް އެއްވުންތަކުގައި ޕުޓިންގެ ހާލަތު ހުރިގޮތުން އޭނާގެ ސިއްހަތާ ގުޅިގެން މީޑިއާގައި އެތައް ވާހަކައެއް ފެތުރެމުންދާ ދަނޑިވަޅެއްގަ އެވެ. މީގެ ކުރިން ވެސް ޕުޓިންގެ ސިއްހަތާ ގުޅިގެން މިފަދަ ރިޕޯޓުތައް އައިސްފައިވާއިރު ރަޝިއާއިން ވަނީ އެ ހުރިހާ ރިޕޯޓުތަކެއް ދޮގު ކޮށްފަ އެވެ.
އެހެން ނަމަވެސް އެންމެ ފަހުން އާއްމުވި ސަރުކާރުގެ ލިޔުންތަކުން ޕުޓިން ދާއިމީ ބަލިތަކަކަށް ފަރުވާ ހޯދަމުން އަންނަކަން ޔަގީން ކުރެވިފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.
އެ ލިޔުންތަކުގައި ވާ ގޮތުން ޕާކިންސަން ބަލީގެ ކުރީކޮޅުގައި ޕުޓިންގެ ހަށިގަނޑުން ބަލި ދެނެގަނެވުނު ނަމަވެސް އަވަސް ސްޕީޑެއްްގައި ހާލަތު އަންނަނީ ދަށްވަމުންނެވެ.
މި ބަލިތަކުގެ އިތުރުން ވެސް ޕްރޮސްޓޭޓް ކެންސަރު ވެސް ޕުޓިންއަށް ޖެހިފައިވާ ކަމަށް ބައެއް ރިޕޯޓުތައް ބުނެފައިވެ އެވެ.
މިކަމުގެ ސަބަބުން ޕުޓިންގެ އާއްމު ސިއްހަތު ދަށްވެ ސަރުކާރުގެ މަސައްކަތްތަކުގައި އުޅެން ދަތިވެފައިވާއިރު، އޭނާގެ މޫނުމައްޗާއި ހަށިގަނޑުން ވެސް ބޮޑެތި ބަދަލުތަކެއް ފާހަގަ ކުރެވޭ ކަމަށް ބުނެވެ އެވެ.
ފެބްރުއަރީ މަހު ޔޫކްރެއިން ހަނގުރާމަ އިއުލާންކުރި ފަހުން ޕުޓިންގެ ސިއްހަތާ ގުޅިގެން މީޑިއާގައި އެކި ވާހަކަތައް ދެކެވޭއިރު އޭނާ އަންނަނީ ސިޔާސަތު އެކުލަވާލުމުގައި އަމަލީގޮތުން ބައިވެރިވަމުންނެވެ.