ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި މިދިޔަ މަހުގެ 25 ވަނަ ދުވަހު ނިޔާވި ގދ. ހޯނޑެއްދޫ، ރަޝީދު 43، ގެ ހަށިގަނޑު ޕޯސްޓްމޯޓަމަށްފަހު ރާއްޖެ ގެނަސްފި އެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ރަޝީދު ނިޔާވީ ފުލުހުންގެ އިހުމާލުންކަމަށް ތުހުމަތުކޮށްފައިވަނިކޮށް އޭނާގެ ހަށިގަނޑު ވަނީ މިދިޔަ ހޯމަ ދުވަހު އިންޑިއާއަށް ގެންގޮސްފައިވަނީ އޭނާގެ އާއިލާގެ ނުރުހުމުގަ އެވެ.

ޕޯސްޓްމޯޓަމް ހެދުމަށް ފަހު މިހާރު މައްޔިތާގެ ހަށިގަނޑު މާލެ ގެނެސްފައިވާއިރު މިއަދު މަޣުރިބް ނަމާދަށް ފަހު ރަޝީދުގެ މައްޗަށް ކުރާ ކަށު ނަމާދު މާލޭގެ އާސަހަރާ މިސްކިތުގައި އޮންނާނެ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަފަހުން ރަޝީދުގެ މެއަށް ތަދެއް އަރައިގެން ފުލުހުންގެ ކިބައިން އެދުމުން އަވަސް ފަރުވާ ދީފައި ނުވާކަމަށް މަންޒަރު ދުށް މީހުން ބުނެފައިވެ އެވެ.

ރަޝީދުގެ އާއިލާއިން ބުނީ އޭނާ މަރުވި ސަބަބު ސާފުކޮށް އެނގެން އޮތްއިރު، ޕޯސްޓްމޯޓަމް ހަދަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި އެ މައްސަލާގައި އިތުރަށް ދައުވާކުރަން ބޭނުންނުވާ ކަމަށާއި ބޭނުންވަނީ ކަފުންކޮށްފައި އަވަހަށް އޭނާ ވަޅުލަން ކަމަށް އާއިލާއިން ވަނީ ބުނެފަ އެވެ.

އާއިލާގެ ނުރުހުމުގައި ޕޯސްޓްމޯޓަމް ނެހެދޭނެ ކަމަށް ކުރީގެ އެޓާނީ ޖެނެރަލް އަދި މަޝްހޫރު ގާނޫނީ ވަކީލު އާއިޝަތު އާޒިމާ ޝަކޫރު ވެސް ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް ފުލުހުންނަށް ލިބިގެންވާ ބާރުގެ ދަށުން އާއިލާއިން ނުރުހުނަސް ރަޝީދުގެ އޮޓޮޕްސީ ހަދާނެކަމަށް ބުނެ ފުލުހުން އެކަން ކުރީ އެވެ.

ރަޝީދުގެ މަރުގައި ފުލުހުންގެ އިހުމާލެއް އޮތް ކަމަށް ބެލެވޭތީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ވެސް ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.