ބައެއް ބޮލީވުޑްގެ ތަރިންގެ ނަން ބުނުމުން އެއްވެސް ތައާރަފަކަށް ބޭނުން ނުވާއިރު ޖާޔާ ބައްޗަންއަކީ އޭގެ ތެރެއިން ފާހަގަ ކޮށްލެވޭނެ ނަމެކެވެ.

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަމީބާތު ބައްޗަންގެ އަންހެނުން ޖަޔާ އަކީ ކުރީގެ މަޝްހޫރު ބަތަލާއެކެވެ. ގިނަ ފިލްމުތަކެއް ކުޅެފައިވާ ހުނަރުވެރި ތަރި އެކެވެ.

ނަމަވެސް ޖަޔާ ބައްޗަން އާމްދަނީ ހޯދަން ފެށީ ކޮން އުމުރެއްގައިކަން އެނގޭ ހެއްޔެވެ؟ އަދި އޭނާގެ ފުރަތަމަ މުސާރާގެ ގޮތުގައި ލިބިގެން ދިޔަ ވަރު އިނގޭ ހެއްޔެވެ؟

މާމަ ދަރިފުޅު ނަވިއާ ނަވޭލީ ނަންދާގެ ޕޮޑްކާސްޓް ޝޯ "ވަޓް ދަ ހެލް ނަވިއާ" ގައި މެހުމާނެއްގެ ގޮތުގައި ބައިވެރިވެ ޖަޔާ، 74، ބުނީ 13 އަހަރުގައި ލިބުނު މުސާރަ އަކީ ކިހާ ވަރެއްކަން ނޭނގޭ ކަމަށެވެ. އަދި އޭރު އޭނަގެ ފައިސާ މެނޭޖްކުރީ މައިންބަފައިން ކަމަށް ބުންޏެވެ.

"އާމްދަނީ ލިބެން ފެށީމަ އަހަރެން ބައްޕަ ކައިރީ ބުނިން އަހަރެން ކިޔަވަން ބައްޕަ ހަރަދުކުރާނެ ކަމެއް ނެތޭ. އަހަރެން އަމިއްލައަށޭ ކިޔަވަން ހަރަދު ކުރާނީ،" ޖަޔާ ބުންޏެވެ.

ޖަޔާ އަކީ ބޯޕާލްގެ އެސްޓީ ޖޯސެފް ކޮންވެންޓް ކޫލުން ކިޔެވުމަށް ފަހު ޕޫނޭގެ ފިލްމު އެންޑް ޓެލެވިޝަން އިންސްޓިޓިއުޓް އޮފް އިންޑިއާ އިން ގްރެޖްއޭޓްވެފައިވާ ފަންނާނެކެވެ.

ޖަޔާއަކީ ކާމިޔާބު އެތައް ފިލްމެއް ކުޅުނު ބަތަލާއެކެވެ. އަމީތާބާ 1973 ގައި ކައިވެނިކުރުމާ ހަމައަށް އޭނަ އަކީ ބިޒީކޮށް މަސައްކަތްކުރަމުން ދިޔަ ބަތަލާއެކެވެ. އެކަމަކު ކައިވެންޏަށް ފަހު، ޖަޔާ ވަރަށް ބޮޑަށް ފިލްމީ މަސައްކަތްތަކާ ދުރުވި އެވެ. ކައިވެންޏަށް ލިބުނީ ދެ ކުދިންނެވެ. އެއީ ޝްވޭތާ ބައްޗަން އާއި އެކްޓަރު އަބީޝެކް ބައްޗަނެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ، ރާޖިއާ ސަމާބެ މެމްބަރުކަން ކުރަމުން އަންނަތާ ގިނަ އަހަރުތަކެއްވެފައިވާ ޖަޔާ އަކީ މިހާރު ވެސް މަދުމަދުން ފިލްމު ކުޅޭ ބަތަލާއެކެވެ. އެގޮތުން އޭނަގެ ކުރިއަށް އޮތް ފިލްމަކީ ޑައިރެކްޓަރު ކަރަން ޖޯހަރް އަންނަ އަހަރު ގެނެސްދޭން ހަމަޖެހިަފއިވާ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އެވެ. އާލިއާ ބަޓާއި ރަންވީރް ސިންގް ލީޑުން ފެންނާނެ ފިލްމުގެ ކާސްޓްގައި ދަރްމެންދުރާ އާއި ޝަބާނާ އާޒްމީ ވެސް ހިމެނެ އެވެ.

ނަވިއާގެ ޝޯގައި ޖަޔާ ބުނި ގޮތުގައި އަމީތާބަކީ އަބަދު ވެސް މަސައްކަތްކުރަން ހިތްވަރުދޭ ފިރިއެކެވެ. އެގޮތުން ކައިވެންޏަށް ފަހު ވެސް މަސައްކަތްކުރަން އެއްވެސް ހުރަހެއް ނެތް ކަމަށާއި ކައިވެނިކުރި އިރު ވެސް އަމީތާބްގެ މުހިއްމު އެއް ޝަރުތަކަށްވީ މަސައްކަތްކުރުން ކަމަށް ޖަޔާ ބުންޏެވެ.