މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި އެވެ.

އެ ސެންޓަރުން ނެރުނު ބަޔާނެއްގައިވަނީ އާބިޓްރޭޝަނުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އާބިޓްރޭޝަނުގެ ކަންކަމާއި ގުޅުން ހުރި ޚިދުމަތްތައް ދޭން ފަށާފައިވާ ކަމަށެވެ.

ބަޔާނުގައިވަނީ އެ ސެންޓަރުގެ ވެބްސައިޓް މެދުވެރިކޮށް، މައްސަލަ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މިހާރު މައްސަލަ ހުށަހެޅޭނެ ކަމަށެވެ. މީގެއިތުރުން، ވާޗުއަލް ޚިދުމަތްތަކާއެކު އާބިޓްރަލް ޕްރޮސީޑިން ކުރިއަށް ގެންދިއުމުގެ އިޚްތިޔާރު މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ލިބޭނެކަމަށް ވެސް ބަޔާނުގައި ވެ އެވެ. އެ ސެންޓަރަށް މައްސަލައެއް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ވެބްސައިޓްގައިވާ ލިންކު މެދުވެރިކޮށް މައްސަލަ ހުށަހެޅޭނެ ކަމަށް އެސެންޓަރުން ބުންޏެވެ.

މިދިޔަ އަހަރުގެ އެޕްރީލް މަހު ފެށުމާއިއެކު ކޮށްފައިވާ ކަންކަމުގެ ތެރޭގައި ކަމުގެ ތަޖުރިބާކާރު އާބިޓްރޭޓަރުންގެ ދަފްތަރެއް އެކުލަވާލުމާއި، ބޭސް މެނޭޖްމަންޓް ޕޯޓަލް އެއް ގާއިމްކުރުމާއި، މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ އާބިޓްރޭޝަން ރޫލްސް ޝާއިއުކުރުން ހިމެނެ އެވެ.

އެ ސެންޓަރުގެ މަސައްކަތް ފެށުމާ ގުޅިގެން އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވީ ތަޖުރިބާކާރު އާބިޓްރޭޓަރުން މެދުވެރިކޮށް ވިޔަފާރީގެ މުއާމަލާތްތަކާއި މަދަނީ އިލްތިޒާމްތަކުން އުފެދޭ މައްސަލަތަކަށް އަވަހަށް އަދި ޚަރަދު ކުޑަކޮށް ހައްލު ލިބުމުން، ކޮންމެ މައްސަލައެއްގައި ކޯޓުން ހައްލު ހޯދުމުގެ ސަގާފަތް ހުއްޓޭނެ ކަމަށެވެ.