މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖޭގެ ދަރަނި ގާތްގަނޑަކަށް 74 ބިލިއަން ރުފިޔާ އަށް އެރިއިރު، އެ ފައިސާ ހަރަދު ކުރީ އެންމެ ރަނގަޅަށް ނޫންކަން ސާބިތުވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެއިން މިރޭ ވިދާޅުވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ދެވަނަ ކުއާޓަރު ޖޫން މަހު ނިމުނު އިރު، ރާއްޖޭގެ ދަރަނި 73.96 ބިލިއަން ރުފިޔާ އަށް އަރައިފައެވެ. ޖުމްލަ ދަރަނި ހުރީ ޖީޑީޕީއާ އަޅާބަލާއިރު 108 އިންސައްތައިގަ އެވެ.
އަލީ ހުސެއިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 74 ބިލިއަން ރުފިޔާގެ ދަރަނި ދިވެހިންގެ ބޮލުގައި އެޅުނު އިރު، އަތޮޅު ތެރޭގެ ގިނަ ރައްޔިތުން އަދިވެސް ނަޖިސް ފެނުން ފެންވަރަށް ޖެހިފައިވާ ކަމަށެވެ. އެހެންވެ، އެ ހުރިހާ ފައިސާ ހަރަދު ކުރީ އެންމެ ރަނގަޅަށް ނޫން ކަން ސާބިތުވާ ކަމަށް ވިދާޅުވި އެވެ.
އަލީ ހުސެއިންގެ ޓުވީޓަށް ކޮމެންޓު ކުރި މީހަކު ބުނީ މިއަދު މަޖިލިހުގެ ތެރެއިން މަސައްކަތް ކުރަންވީ ޕާޓީގެ ފިކުރު ދޫކޮށް، ރަށް ފުށުގެ ހާލަތު ރަނގަޅު ކުރަން ކަމަށެވެ. އަދި އެތަނުގައި ގިނައީ އަތޮޅުތަކަށް ނިސްބަތްވާ މެމްބަރުން ކަމަށް އޭނާ ބުންޏެވެ. އެގޮތަށް ތެދުވެއްޖެ ނަމަ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އެއްބާރުލުން ލިބޭނެ ކަމަށް ފެންނަ ކަމަށް ވެސް އެމީހާ ބުންޏެވެ.
އެހެން މީހަކު ބުނީ، މިއީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ފެއިލްވުމެއް ކަމަށެވެ. މަޖިލިހުގައި ރާއްޖެތެރެ ތަމްސީލް ކުރައްވާ މެމްބަރުން ތިއްބެވި އިރު، މާލެ އަށް ހުރިހާ ފައިސާއެއް އަޅާ އިރު، އަތް ޖަހަން ތިބެނީ ކީއްވެތޯ އޭނާ ސުވާލު އުފެއްދި އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުގެ ދަރަނި ހުރީ 54.3 ބިލިއަން ރުފިޔާގައެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 61 އިންސައްތައެވެ. ނަމަވެސް، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދައުލަތުގެ ބަޖެޓުގެ ދަރަނި ވަނީ 55.9 ބިލިއަން ރުފިޔާ އަށް އަރައިފައެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 82 އިންސައްތަ އެވެ.
މި އަހަރުގެ ދެވަނަ ކުއާޓަރު ނިމުނުއިރު ބަޖެޓުގެ ޖުމްލަ ދަރަނީގެ ތެރޭގައި ހިމެނެނީ 22.08 ބިލިއަން ރުފިޔާގެ ބޭރުގެ ދަރަނި އަދި އެތެރޭގެ ދަރަނީގެ ގޮތުގައި 35.24 ބިލިއަން ރުފިޔާއެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 55 އިންސައްތަ އެވެ.