އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ޕޯލް ވެސްލީ ސްޓެފަންސް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވައިފި އެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވަވާފައި ވަނީ މިއަދު ރައީސްގެ އޮފީހުގަ އެވެ.

މި ރަސްމިއްޔާތަށްފަހު އޮސްޓްރޭލިއާގެ ސަފީރާ ބައްދަލުކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި ދެގައުމުގެ ދެމެދު އޮތް ބަދަހި ގުޅުމަކީ ރާއްޖެއިން ވަރަށް އިސްކަންދޭ މުހިންމު ގުޅުމެއްކަން ފާހަގަކުރެއްވި އެވެ. އަދި، އޮސްޓްރޭލިއާގެ ހައިކޮމިޝަނެއް ރާއްޖޭގައި ގާއިމުކުރުމަށް ނިންމަވާފައިވާ ނިންމެވުމުގެ މައްޗަށް އަލިއަޅުވާލައްވައި ދެ ބޭފުޅުން ވަނީ މިކަމަކީ މިއީ ރައްޖެއާއި އޮސްޓްރޭލިއާގެ ގުޅުން ވޭތުވެދިޔަ އަހަރުތަކުގައި ކުރިއަރައި ގޮސްފައިވާ މިންވަރު ދައްކުވައިދޭ ރަމްޒެއްގެ ގޮތުގައި ސިފާކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި އޮސްޓްރޭލިއާގެ ސަފީރާއި، ރައީސް ވަނީ ދެ ގައުމުން އިސްކަންދޭ މުހިންމު އެކިއެކި ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ. އެގޮތުން، ދެބޭފުޅުން ވަނީ މަތީ ތައުލީމާއި ގުޅޭގޮތުންނާއި، ފަތުރުވެރިކަމާއި، ބައިނަލްއަޤްވާމީ މައިދާނުގައި ގިނަ ގައުމުތައް ގުޅިގެން މަސައްކަތްކުރުމާއި ގުޅޭގޮތުންނާއި، ކަނޑުމަތީގެ ސަލާމަތާއި، ބޯޑަރުތައް ހުރަސްކޮށް ހިނގާ ކުށްކުށާއި ގުޅޭގޮތުން، އަދި ތިމާވެއްޓާއި ގުޅޭގޮތުންނާއި، ކަނޑުތަކާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.

ރައީސް މި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ ދެ ގައުމުގެ ދެމެދު އޮތް ގާތްގުޅުން ކުރިމަގުގައި އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވަމުންނެވެ.

ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއިން ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 1974 ވަނަ އަހަރުގައެވެ