ރާއްޖޭގެ ބޭންކުތަކުން ދޫކުރާ ލޯނުގެ އިންޓަރެސްޓް ރޭޓް ކުޑަ ކުރެވިދާނެ ގޮތަކާއި މެދު މަޝްވަރާ ކުރެވެމުން އަންނަ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެއްޖެ އެވެ.
ގަވަރުނަރު ވިދާޅުވީ ބޭންކުތަކުން ދޫކުރާ ލޯނުތަކުގެ އިންޓަރެސްޓް ރޭޓް ކަނޑައެޅުމުގެ ބާރު އެމްއެމްއޭއަށް ލިބިފައިނުވާ ކަމަށެވެ. އެހެން ނަމަވެސް އިންޓަރެސްޓް ކޮރިޑޯ ބަދަލުތަކެއް ގެނައުމުގެ ބާރު އެމްއެމްއޭއަށް ލިބިފައިވާ ކަމަށް އަލީ ހާޝިމް ވިދާޅުވި އެވެ. އެފަދަ ބަދަލެއް ގެނައުމަށްޓަކައި އައިއެމްއެފާއެކު ދިރާސާތަކެއް ކުރަމުން އަންނަ ކަމަށްވެސް ގަވަރުނަރު ފާހަގަ ކުރެއްވި އެވެ.
"އެ އިންޓަރެސްޓް ކޮރިޑޯ އަޅުގަނޑުމެންނަށް ދަށްކުރެވިދާނެ މިހާރު ހުރި ޑޭޓާއަށް ބަލާފައި. އެ މަސައްކަތް ކުރަމުން މިދަނީ. އިންޓަރެސްޓްސް ރޭޓަށް ފަހަރެއްގައި ބަދަލެއް އަތުވެދާނެ. އެކަމަކު އިންޓަރެސްޓް ރޭޓަކީ ބޭންކުތަކަށް ދޫކޮށްލާފައި އޮތް ކަމެއް،" އަލީ ހާޝިމް ވިދާޅުވި އެވެ.
ގަވަރުނަރު ވިދާޅުވީ ރާއްޖޭގެ ބޭންކުތަކުގެ އިންޓަރެސްޓް ރޭޓް ކަނޑައެޅުމަކީ އެ ބޭންކެއްގެ ވިޔަފާރި މޮޑެލްއަށް ބެލުމަށް ފަހު އެ ބޭންކަކުން ނިންމާ އަދަދެއް ކަމަށެވެ.
ރާއްޖޭގެ ބޭންކުތަކުން ދޫކުރާ ލޯނުތަކުގައި އެވްރެޖް އިންޓަރެސްޓް ރޭޓަކީ %11.56 އެވެ. ރާއްޖޭގެ ބޭންކުތަކުން ދޫކުރާ ލޯނުތަކުގެ އިންޓަރެސްޓް ރޭޓްތައް ބޮޑުވެ ޝަކުވާތައް އަބަދުވެސް އޮވެ އެވެ.
ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް ބޮޑުވެ އިންފްލޭޝަން މަތިވަމުން އަންނާތީ ގިނަ ގައުމުތަކުގައި އިންޓަރެސްޓް ރޭޓްތައް ވަނީ މަތިކޮށްފަ އެވެ. ނަމަވެސް، ރާއްޖޭގައި އިންޓަރެސްޓް ރޭޓްތަކަށް ބަދަލެއް ގެނެސްފައެއް ނުވެ އެވެ.