ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީއަށް ބަޔަކު ހަމަލާ ދީ ޒަހަމްކޮށްލައިފި އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި، އޭނާއަށް ހަމަލާ ދީފައި ވަނީ މިރޭގެ ވަގުތެއްގަ އެވެ.

ޝިމާޒަށް މިރޭ ގުރޫޕަކުން ހަމަލާ ދިނީ މަގުމަތިން ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. ނަމަވެސް އޭނާއަށް ލިބުނު އަނިޔާގެ އެއްވެސް ތަފްސީލެއް އެނގިފައެއް ނުވެ އެވެ.

ޝިމާޒަށް ހަމަލާ ދިން މައްސަލަ މިރޭ ފުލުހުންނަށް ހުށަހަޅާފައިވާތީ ފުލުހުން ދަނީ މައްސަލަ ތަހުގީގުކުރަމުންނެވެ. ޝިމާޒް ޑެޕިޔުޓީ މިނިސްޓަރަކަށް އައްޔަން ކުރައްވާފައި ވަނީ އެމްއާރްއެމްގެ ސްލޮޓެއްގަ އެވެ.

އެމްއާރް އެމުން ވަނީ މި ހަމަލާ ދިން މީހުން ހޯދައި، ކަމާއި ބެހޭ ފަރާތްތަކުން މި މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް އެ ޕާޓީން ވަނީ ގޮވާލާފަ އެވެ.

ޝިމާޒަށް މިރޭ ހަމަލާދީފައި މިވަނީ އޭނާއާއި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހްލާއާ ދެމެދު ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ވަގުތެއްގަ އެވެ. ޓްރާންސްޕޯޓް މިނިސްޓްރީ ތެރޭގައި ވެހިކަލްއާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކުގައި ޝިމާޒަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް މިނިސްޓަރު ކުރައްވާ ކަމަށް އެނގިފައިވެ އެވެ.

މި ހާދިސާގެ ކުރިން ޝިމާޒުގެ ސައިކަލަށް ގެއްލުންދީ، އޭނާގެ އާއިލާއަށް ބަޔަކު އިންޒާރުދީ ބިރުދައްކާ ހަދާފައިވެ އެވެ. ޝިމާޒްގެ ސައިކަލަށް ގެއްލުންދީ، މަރުގެ އިންޒާރު ދިން އިރު، ރާއްޖޭގައި ދުއްވާ ހުރިހާ ވެހިކަލްތަކުގެ ނަމްބަރު ޕްލޭޓް ބަދަލުކުރަން ވަސާޖިއޯ ނަމަކަށް ކިޔާ ކުންފުންޏާ ހަވާލުކުރި މައްސަލައިގައި އޭސީސީން ޝިމާޒް ހިމެނޭހެން ހަ މީހެއްގެ މައްޗަށް ދައުވާކުރަން ވަނީ ފޮނުވާފަ އެވެ.