ތ. ގުރައިދޫ ފަޅުތެރެއަށް ވެއްޓުނު 84 އަހަރުގެ މީހަކު މިރޭ މަރުވެއްޖެ އެވެ.

ފުލުހުންގެ މީޑިއާއިން ބުނީ ބަނދަރުގެ ފަޅުތެރެއަށް ވެއްޓި މަރުވެފައި ވަނީ އުމުރުން 84 އަހަރުގެ ދިވެއްސެކެވެ. އެ މީހާ އެ ރަށު ޖެޓީއާ ދިމާލު ފަޅުތެރެއަށް ވެއްޓިފައި އޮއްވާ ފެނިގެން ނެގީ ޑިންގީ އެއްގައި ތިބި ދެ މީހުން ކަމަށްވެ އެވެ. ނަމަވެސް އެ މީހާ ވެއްޓުނީ ކީއްވެގެން ސާފުވާ ގޮތެއްނުވި އެވެ.

ފުލުހުން ބުނީ މިރޭ 8:45 ހާއިރު އެ މީހާ ފަޅުތެރެއިން ނަގައިގެން ގުރައިދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރު މަރުނުވާ ކަމަށެވެ. އަދި އެ މީހާ މަރުވެފައި ވަނީ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މީހާ މަރުވިކަން ގުރައިދޫ ސިއްހީ މަރުކަޒުން ކަށަވަރު ކޮށްދީފައިވަނީ މިރޭ 21:15 ކަންހާއިރު ކަމަށް އެނގިފައިވެ އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.