ދޯހާ (21 ނޮވެމްބަރު) – ޒުވާން މިޑްފީލްޑަރު ބުކާޔޯ ސާކާގެ ދެ ލަނޑާއެކު ވޯލްޑް ކަޕްގެ ގުރޫޕް ބީގައި މިރޭ އިރާން އަތުން 6-1 އިން މޮޅުވެ، އިންގްލެންޑް އިން ފެށުން ރަނގަޅުކޮށްފި އެވެ.
ގުރޫޕް ބީގެ ފުރަތަމަ މެޗުގައި މިރޭ އީރާންގެ ފެށުން ދިޔައީ ރަނގަޅަށް ނޫނެވެ. މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު އީރާންގެ ގޯލްކީޕަރު އަލް ރިޒާ ބެއިރަންވަންދުގެ ނޭފަތަށް ލިބުނު އަނިޔާއަކާ ގުޅިގެން، އޭނާ އަށް މެޗު ކުރިއަށް ނުގެންދެވި، މެޗުގެ 19 ވަނަ މިނިޓުގައި ވާނީ ބާލައިފައެވެ. މެޗުގެ ބާކީ އޮތް ވަގުތުގައި އީރާންގެ ގޯލު ބެލެހެއްޓީ މުޅިން އަލަށް ބައިނަލްއަޤުވާމީ ވާދަވެރި މެޗަކަށް ނިކުތް ހުސެއިން ހޮސޭނީ އެވެ.
މެޗުގެ 35 ވަނަ މިނިޓުގައި އިންގްލެންޑަށް ލީޑު ހޯދައިދިނީ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުންދާ ޒުވާން މިޑްފީލްޑަރު ޖޫޑް ބެލިންގްހަމް އެވެ.
އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ސާކާ އާއި ރަހީމް ސްޓާލިން ވަނީ އިންގްލެންޑަށް އިތުރު ދެ ލަނޑު ޖަހައިދީފަ އެވެ.
މެޗުގެ ދެވަނަ ހާފުގައި ސާކާ އިންގްލެންޑްގެ ހަތަރު ވަނަ ލަނޑު ޖެހިއިރު، ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެންއެރި މާކަސް ރަޝްފޯޑާއި ޖެކް ގްރީލިޝް ވެސް ވަނީ ލަނޑު ޖަހައިފަ އެވެ.
އީރާން އިން ތަފާތު ކުޑަކުރީ ޕޯޓޯގެ ފޯވަޑް މެހުދީ ތަރޭމީގެ ދެ ލަނޑުންނެވެ. މީގެ ތެރެއިން ދެވަނަ ލަނޑަކީ މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ތަރޭމީ ޖެހި ލަނޑެކެވެ.