ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖްގައި އާޖެންޓީނާއާއި ސައުދީ އަރަބިއްޔާ ކުޅުނު މެޗް 2-1ގެ ނަތީޖާއަކުން ސައުދީ އަރަބިއްޔާއިން ކާމިޔާބުކުރުމުން މިއަދަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް އެ ގައުމުން ކަނޑައަޅައިފި އެވެ.

ސައުދީ ޕްރެސް އެޖެންސީން ބުނީ ސަރުކާރު އަދި ޕްރައިވެޓް ސެކްޓާގެ ހުރިހާ މުވައްޒަފުންނަށާއި ތައުލީމީ ހުރިހާ އިދާރާއެއްގައި ކިޔަވާ ދަރިވަރުންނަށް ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް ޗުއްޓީއެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

މިގޮތަށް ސަލްމާން ނިންމާފައިވަނީ އާޖެންޓީނާ އަތުން ގައުމީ ޓީމު ހޯދި ކާމިޔާބީ ޗުއްޓީއާއެކު ފާހަގަކުރުމަށް ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ހުށަހެޅުއްވި ލަފައަކާ ގުޅިގެންނެވެ.

ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ސައުދީ އަރަބިއްޔާ އިން 2-1 އިން އާޖެންޓީނާ ބަލިކުރުމަކީ ތާރީހްގައި ވެސް ފުޓްބޯޅަ އިން ސައުދީ އަރަބިއްޔާ އަށް ލިބުނު އެންމެ ބޮޑު ކާމިޔާބެވެ. އަދި މިއީ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އާޖެންޓީނާ ބަލިވި ފުރަތަމަ މެޗުކަން ވެސް ފާހަގަކޮށްލެވެ އެވެ.

ސައުދީގެ ސަޕޯޓަރުން އުފާ ފާޅުކުރަނީ

މިމެޗުން މޮޅުވުމާއި އެކީ ސައުދީ އޮތީ މިހާރު ގްރޫޕް ސީގެ އެއްވަނައިގައި ތިން ޕޮއިންޓާއި އެކު އެވެ.

މިމުބާރާތުގައި ދެން ސައުދީ ބައްދަލުކުރާނީ މިމަހުގެ 26 ވަނަ ދުވަހު ޕޮލޭންޑާއިއެވެ. އަދި ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު މެކްސިކޯއާ އެވެ.