ބޮލީވުޑްގެ މިހާރުގެ ތަރިންގެ މުއްސަނދި ދިރިއުޅުމުގެ ވައްޓަފާޅިން އެމީހުންގެ ސޯޝަލް މީޑިއާގައި އާންމުކުރާތީ ބެލުންތެރިންނާ ދެމެދު އޮންނަ ގުޅުން ހީނަރުވަމުން އަންނަ ކަމަށް ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސުނިލް ޝެޓީ ބުނެފި އެވެ.
ބޮލީވުޑް ހަބަރުތައް ގެނެސްދޭ ޕިންކްވިލާއަށް ދިން އިއްޓަވިއުއްގައި އެކްޓަރު ސުނިލް ޝެޓީ ވަނީ ފިލްމީ ތަރިން ރާއްޖެ އައިސް ރާއްޖޭގެ އަގު ބޮޑު ރިސޯޓްތަކުގެ ސްވިމިން ޕޫލްތަކާއި ހިތްގައިމު ބީޗްތަކުގައި ފޮޓޯތައް ނަގައި އެ އެއްޗެހި ސޯޝަލް މީޑިއާގައި އާންމުކުރުމަކީ ދެއްކުންތެރި ކަމަށް ކުރާ ކަމެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.
މިދިޔަ މަހުގެ ތެރޭގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރި 60 އަހަރުގެ އެކްޓަރު ސުނިލް ބުނީ ފިލްމީ ތަރިންގެ "ޕޮޝް" ލައިސްޓައިލް ސޯޝަލް މީޑިއާގައި އާންމުކުރުމަކީ އެ މީހުންގެ ފޭނުންނާ އެހާ ރިލޭޓްވާ ކަމެއް ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.
"ފިލްމީ ތަރިން ހީރޯއިންގެ ގޮތުގައި އޯޑިއަންސް ބަލައިގަންނަނީ އެ މީހުން ކުޅޭ ފިލްމުތަކާއި ކެރެކްޓާތަކުން މުޖުތައަމަށް ގެނެސްދޭ ހެޔޮ ބަދަލުތަކުން. ސޯޝަލް މީޑިއާގައި ތަރިން ދައްކުވައިދޭ އަގުބޮޑު ލައިފްސްޓައިލަކީ ހަގީގަތުގައި އޯޑިއަންސާ ރިލޭޓްވާ ކަމެއް ނޫން،" ސުނިލް ބުންޏެވެ.
އެ މީހުންގެ ފޮޓޯތަކުގައި އަގު ބޮޑު ރެސްޓޯރެންޓްތަކާއި، އަގު ބޮޑު ކާނާއާއި، އަގު ބޮޑު ޗުއްޓީތަކަކީ ބެލުންތެރިން ބަލަން ބޭނުންވާ އެއްޗެއް ނޫންކަމަށް ވެސް ސުނިލް ބުންޏެވެ.
"އެއާޕޯޓްތަކަށް ވަންނަ ތަނާއި ނުކުންނަ ތަނާއި ޖިމްތަކުގައި ކުރާ ކަންކަކައި މިހެން ގޮސް ބޮކްސާގައި ރާއްޖޭގެ ޕޫލްތަކަށް އެރި ފޮޓޯ ނެގުމާއި އަގު ބޮޑު ރެސްޓޯރަންޓްތަކަށް ގޮސް ސުޝީގެ ފޮޓޯ ނަގައި އާންމުކުރުމަކީ އާންމުން ފިލްމީ ތަރިންގެ ފަރާތުން އެދޭ ކަންކަމެއް ނޫން،" ސުނިލް ބުންޏެވެ.
ސުނިލް ބުނި ގޮތުގައި ފިލްމީ ތަރިންނަށް ލިބޭ ބޮޑު އާމްދަނީއާ އެކު އެ މީހުންގެ ތަނަވަސް ދިރިއުޅުން ދެއްކުމަކީ ކުރަން ޖެހޭ ކަމެއް ނޫން ކަމަށެވެ.
ރާއްޖޭގެ ނަން ގެނައި ކަމުގައިވީ ނަމަވެސް ސުނިން ޝެޓީ އެ އިޝާރާތް ކުރަނީ އަގުބޮޑު ތަންތަނުގައި ތަރިން ފޮޓޯ ނަގާ ވާހަކައަށް ކަމަށް ބެލެވެ އެވެ.