ދޯހާ (21 ނޮވެމްބަރު) – މިޝީ ބަޓްޝުއާއީގެ ލަނދާއެކު، ފީފާ ވޯލްޑް ކަޕްގައި ރޭ ކެނެޑާ އަތުން 1-0 އިން ބެލްޖިއަމް މޮޅުވެއްޖެ އެވެ.
ވޯލްޑް ކަޕްގައި 36 އަހަރަށް ފަހު ފުރަތަމަ މެޗަށް ނިކުތް ކެނެޑާ އަތުން ބެލްޖިއަމް މޮޅުވީ މެޗުގެ ފުރަތަމަ ހާފު ނިމެނިކޮށް ބަޓްޝުއާއީ ޖެހި ލަނޑުންނެވެ.
އެކަމަކު މި ލަނޑު ޖެހުމުގެ ކުރިން، ކެނެޑާ އަށް ލިބުނު ޕެނަލްޓީއެއް ވަނީ ބޭކާރުވެފަ އެވެ. ބަޔާން މިއުނިކަށް ކުޅެމުންދާ އަލްފޮންސޯ ޑޭވީސް ފޮނުވާލި ބޯޅަ ބެލްޖިއަމްގެ ގޯލްކީޕަރު ތީބޯ ކޯޓުއާ ވަނީ ދިފާއުކޮށްފަ އެވެ.
މެޗުގެ ދެވަނަ ހާފުގައި ކެނެޑާ އިން ލަނޑެއް ޖަހަން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ. ބެލްޖިއަމްގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ރޭގެ މެޗުގައި ނުފެނު ނަމަވެސް، ބެލްޖިއަމް އިން މި ހޯދީ ވަރަށް މުހިންމު ތިން ޕޮއިންޓެވެ.
އެންމެ ފަހުން 2018 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގެ ތިން ވަނަ ހޯދި ބެލްޖިއަމް މި ހޯދި މޮޅާއެކު އެ ޓީމުން ވަނީ ގުރޫޕް އެފްގެ އެއްވަނަ އަށް އަރައިފަ އެވެ. މި ގުރޫޕްގައި އިއްޔެ މޮރޮކޯ އާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވުމުން، މި ގުރޫޕްގެ ވާދަވެރިކަން ވަނީ ބޮޑުވެފަ އެވެ.
"ޓެކްނިކަލީ ބަލާއިރު މިއީ މިހާތަނަށް ބެލްޖިއަމް ގުޅުނު އެންމެ ދަށް މެޗު،" މެޗަށް ފަހު ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުންޏެވެ. "އެކަމަކު މިއީ އެންމެ ގޯސް މެޗެއް ނޫން. އެއީ އަހަރަމެން މި މެޗުން މޮޅުވީމަ. ޑިފެންސްކުރުމުގައި މިރޭ ވަރަށް ރަނގަޅު. އަދި ގޯލްކީޕަރުގެ ބޭނުން ހިފުނު."
ކެނެޑާގެ ކޯޗު ޖޯން ހޭޑްމަން ބުނީ މެޗުން ބަލިވިޔަސް، މިރޭގެ މެޗުގައި ދެއްކި ކުޅުމާއެކު ކްރޮއޭޝިއާއާ ދެކޮޅަށް ދެން ކުޅެންޖެހޭ މެޗަށް ނުކުންނައިރު ކެނެޑާ އަށް ކޮންފިޑަންސް ލިބިފައިވާ ކަމަށެވެ.
"މި މުބާރާތުގައި ކުޅެން ހައްގު ޓީމެއްކަން މިރޭ ކެނެޑާ އިން ސާބިތުކޮށްދީފި. މިރޭ ދެއްކި ކުޅުމާމެދު ސަޕޯޓަރުން ވެސް އުފާވާނެކަން ޔަގީން،" އަންހެން ވޯލްޑް ކަޕާއި ފިރިހެނުންގެ ވޯލްޑް ކަޕްގައި ކޯޗުކޮށްދިން ހަމައެކަނި ކޯޗު ކަމަށްވާ ހޭޑްމަން ބުންޏެވެ. -- އޭއެފްޕީ