ދޯހާ (24 ނޮވެމްބަރު) – ފީފާ ވޯލްޑް ކަޕްގައި މިރޭ ގާނާ އަތުން 3-2 އިން މޮޅުވެ ޕޯޗުގަލް މުބާރާތުގެ ފެށުން ރަނގަޅުކުރިއިރު، މިރޭގެ މެޗުގައި ޖެހި ލަނޑާއެކު އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ވޯލްޑް ކަޕްގެ ތާރީހުން ޖާގަ ހޯދައިފަ އެވެ.

މެޗުގެ ދެވަނަ ހާފުގައި ޕޯޗުގަލް އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، އެ ޓީމަށް ލީޑު ހޯދައިދިނީ ރޮނާލްޑޯ އެވެ. މި ލަނޑާއެކު، ރޮނާލްޑޯ އަކީ ވޯލްޑް ކަޕްގެ ތާރީހުގައި ވެސް 5 ވޯލްޑް ކަޕްގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާއެވެ. މިއީ ވޯލްޑް ކަޕްގެ ތާރީހުގައި ރޮނާލްޑޯ ޖެހި 8 ވަނަ ލަނޑެވެ.

މެޗުގެ 73 ވަނަ މިނިޓުގައި ގާނާގެ ކެޕްޓަން އަންދްރޭ އަޔޫ ޖެހި ލަނޑާއެކު، އެ ޓީމުން މެޗުގެ ނަތީޖާ އެއްވަރުކޮށް އުންމީދުއާކުރި އެވެ.

އެހެން ނަމަވެސް، އޭގެ ފަސް މިނިޓު ފަހުން ޕޯޗުގަލްގެ ފޯވަޑް ޖޮއާއޯ ފެލިކްސް ވަނީ ލަނޑެއް ޖަހައި އެ ޓީމަށް އަލުން ލީޑު ހޯދައިދީފަ އެވެ.

ޕޯޗުގަލް އިން ލީޑު އިތުރަށް ފުޅާކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި އޭސީ މިލާންގެ ފޯވަޑް ލިއާއޯ ޖެހި ލަނޑުންނެވެ.

މެޗުގެ 89 ވަނަ މިނިޓުގައި ގާނާގެ އޮސްމާން ބުކާރީ ލަނޑެއް ޖަހައި، ތަފާތު ކުޑަކުރި ނަމަވެސް، ޕޯޗުގަލް އިން ވަނީ އެ ޓީމުގެ ލީޑު ހިފަހައްޓައި، މެޗުން ތިން ޕޮއިންޓް ހޯދައިފަ އެވެ.