ހިލޭ އަމިއްލަ ރަށުގައި ތިބެގެން ޑިގުރީއަށް މުދިމުންނަށް ކިޔެވޭނެކަމަށް ބުނެ ސަރުކާރުން ފެށި ޑިގުރީ ޕްރޮގުރާމުގެ އުސޫލުތަކަށް ގެނައި ބަދަލުތަކާއެކު މުދިމުންނަށް ބޮޑު ތަކުލީފުތަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

މުދިމުންގެ ޑިގްރީ ކޯހުގައި 400 އެއްހައި މުދިމުން ބައިވެރިވެ އެވެ.

2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައި އިފުތިތާހުކުރި މި ޕްރޮގުރާމަކީ އިސްލާމިކް މިނިސްޓްރީއާއި އިސްލާމިކް ޔުނިވާސިޓީ ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ. އިސްލާމިކް މިނިސްޓަރު ޑރ.އަޙްމަދު ޒާހިރު ވިދާޅުވެފައިވަނީ މި ޕްރޮގުރާމުގެ ހުރިހާ ހަރަދެއް ބަލަހައްޓަނީ އިސްލާމިކް މިނިސްޓްރީން ކަމަށެވެ.

މި ޕްރޮގުރާމުގައި ކިޔަވާ ކުދިން ޔުނިވާސިޓީއަށް ހާޒިރުވާންނުޖެހޭނެކަމަށް އިސްލާމިކް ޔުނިވާސިޓީން ހާމަކޮށްފައިވެ އެވެ. މި ޕްރޮގުރާމުގެ އޮރިއަންޓޭޝަނުގައި މައުލޫމާތުދެމުން އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ އެ ޕްރޮގުރާމުގައި ބައިވެރިވާ ދަރިވަރުންނަށް ދައްކަންޖެހޭ ފައިސާ އެ މިނިސްޓްރީން ދައްކާފައިވާ ކަމަށެވެ. ނަމަވެސް މިހާރު އިސްލާމިކް މިނިސްޓްރީން ބުނެފައިވާ ގޮތުން އެ މިނިސްޓްރީން ފައިސާ ދައްކާނީ ހަމައެކަނި އުމުރުން ފަންސާސް އަހަރުން މަތީ މީހުންނަށެވެ.

ކޯސްފެށިއިރު ގޭގައި ތިބެގެން ކިޔެވާގޮތަށް ނިންމާފަިއވީ ނަމަވެސް ފަހުން ކޯސް ބްލޮކް މޯޑަށް ބަދަލުކޮށް ހުރިހާ ބައިވެރިން މާލެ އަންނަން ޖެހޭނެ ކަމަށް ވަނީ އަންގާފައި ކަމަށް މި ކޯހުގައި ބައިވެރިވާ ބައެއް މުދިމުންގެ ފަރާތުން މައުލޫމާތު ލިބިފައިވެ އެވެ.

އަދި ފައިސާ ނުދައްކައިގެން ކޯހުގައި ކިޔަވަން ބޭނުންކުރާ ޕްލެޓްފޯމް މޫޑްލްއިން މުދިމުން ބްލޮކް ކުރި ކަމަށްވެސް އެ މީހުން ބުންޏެވެ. ނަމަވެސް މިހާރު ވާހަކަ ދައްކައިގެން މޫޑްލްްއަށް ވަދެވޭގޮތްވަނީ ހަދާފަ އެވެ،

ކޯހުގެ ބައިވެރިންގެ އެންމެ ބޮޑު ޝަކުވާއަކީ ކޯހުގެ އުސޫލުތަކަށް ގެނައި ބަދަލުތަކުގެ ސަބަބުން ކޯސް ފުރިހަމަ ކުރުމަށް މިހާރު ގިނަ ބަޔަކަށް ހުރަސްތައް ކުރިމަތިވެފައި ވުމެވެ. އެގޮތުން ގިނަ މީހުން ބައިވެރިވީ ރަށުގައި ތިބެގެން ސަރުކާރުން ފައިސާ ދައްކައިގެން ކިޔެވޭތީ ކަމަށާއި މާލެއަށް އައިސް ތަންތަން ކުއްޔަށް ހިފައިގެން އަމިއްލަ އަތުން ހަރަދު ކޮށްގެން މި ކޯހުގައި ބަިއވެރިނުވެވޭނެ ކަމަށް ގިނަ ބައިވެރިން ފާހަގަކުރެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިސްލާމިކް މިނިސްޓްރީއާއި އައިއެމްޔޫއިން ދަނީ މިހާރު މިކަމާގުޅިގެން މަޝްވަރާކުރަމުންނެވެ.