ދޯހާ (27 ނޮވެމްބަރު) – ފީފާ ވޯލްޑް ކަޕްގެ ގުރޫޕް އީގައި މިއަދު ޖަޕާން އަތުން 1-0 އިން މޮޅުވެ، ކޮސްޓަ ރީކާ އިން މުބާރާތުގައި ކުރިއަށް ދިއުމަށް އޮތް ފުރުސަތު ދަމަހައްޓައިފި އެވެ.

މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ޖަޕާން ވަނީ ޖަރުމަން އަތުން ފަހަތުން އަރައި މޮޅުވެފަ އެވެ. އަދި، ސްޕެއިން އަތުން ތަފާތު ބޮޑުކޮށް ކޮސްޓަ ރީކާ ބަލިވެފައި އޮތުމުން، މި މެޗަށް ނިކުތްއިރު ފޭވަރިޓަކަށް އޮތީ ޖަޕާނެވެ.

އެހެން ނަމަވެސް، މުޅި މެޗުގައި ވެސް ޑިފެންސްގައި ކޮސްޓަ ރީކާ އިން ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ. ކޮސްޓަ ރީކާ މެޗުން މޮޅުވީ މެޗުގެ 81 ވަނަ މިނިޓުގައި ކޭޝަ ފުލާ ކާމިޔާބުކުރި ލަނޑުންނެވެ.

މެޗުގައި ބާކީ އޮތް ވަގުތުކޮޅުގެ ތެރޭގައި ޖަޕާނުން ވަނީ ކޮސްޓަ ރީކާގެ ޑިފެންސަށް ބާރުބޮޑުކޮށްފަ އެވެ. އެކަމަކު، ޖަޕާނުން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.

މި ގުރޫޕްގައި ސްޕެއިން، ކޮސްޓަ ރީކާ އަދި ޖަޕާން މިހާރު އޮތީ ތިން ޕޮއިންޓާއެކުއެވެ. ސްޕެއިން އެއްވަނައިގައި އޮތީ ލަނޑުގެ ތަފާތުންނެވެ.

މި މުބާރާތުގައި މިރޭ ސްޕެއިން އާއި ޖަރުމަން ކުރިމަތިލާނެ އެވެ.