ސައިފް އަލީ ހާނާއި އަމްރިތާ ސިންގްގެ ދަރިފުޅު އިބްރާހިމް އަލީ ހާން އެކްޓަރެއްގެ ގޮތުގައި ބޮލީވުޑަށް ނުކުންނަ ފިލްމުގައި މަޝްހޫރު ބަތަލާ ކާޖޮލް ވެސް ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް އެކްޓަރު ބޯމަން އިރާނީގެ ދަރިފުޅު ކަޔޯޒް އިރާނީ ޑައިރެކްޓްކުރާ އެ ފިލްމަކީ އިންޑިއާގެ ޑިފެންސް ފޯސްއާ ގުޅޭ ގޮތުން އުފައްދާ ފިލްމެކެވެ.

ފިލްމުގެ ލީޑުން ފެންނާނީ ކާޖޮލް ކަމަށް ހަބަރުތައް ބުނެ އެވެ.

އެ ފިލްމުގެ މަސައްކަތަށް މިހާރު ދަރުމާ ޕްރޮޑަކްޝަނާ އެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކާޖޮލް ފެންނާނީ ވަރަށް މުހިއްމު ރޯލަކުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މި ފިލްމާ ބެހޭ އެއްވެސް ވާހަކައެއް ދަރުމާ އިން އަދި މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.

އުމުރުން 20 އަހަރުގެ އިބްރާހިމް މިހާރު ވެސް އަންނަނީ ކެމެރާ ފުރަގަހުގައި މަސައްކަތް ކުރަމުންނެވެ.

ކަރަން ޖޯހަރު، އިބްރާހިމް އަދި ކާޖޮލް

އެގޮތުން ކަރަން އަންނަ އަހަރުގެ އެޕްރީލްގައި ގެނެސްދޭން އޮތް "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި އިބްރާހީމް މަސައްކަތްކޮށްފައިވެ އެވެ.

އެ ފިލްމުގެ ތަރިންނަކީ ރަންވީރު ސިންގް އާއި އާލިއާ ބަޓެވެ.

ސައިފްގެ އެންމެ ދޮށީ ދަރިފުޅު ސާރާ އަލީ ހާން އަކީ މިހާރު ބޮލީވުޑްގައި ފާހަގަ ކުރެވޭ ތަރިއެކެވެ.

ދަރުމާ ޕްރޮޑަކްޝަންގެ ފިލްމަކުން ކާޖޮލް އެންމެ ފަހުން ފެނުނީ މީގެ 12 އަހަރު ކުރިން، 'މައި ނޭމް އިޒް ހާން' އިންނެވެ.

އަންނަ މަހުގެ 9 ގައި ރިލީޒްކުރާ ކާޖޮލްގެ "ސަލާމް ވެންކީ" ގެ ރޯލަކުން ކަމަލް އަލުން ސްކްރީނުން ފެންނާނެ އެވެ.