ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާއަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވާފައިވާ ކުރީގެ އިންފޮމޭޝަން މިނިސްޓަރު މ. ސަމަރު ބްލޫ، އިބްރާހީމް މަނިކު (ސަމަރޭ) އަވަހާރަވެއްޖެ އެވެ.

އިބްރާހީމް މަނިކު 72، އަވަހާރަވީ ވަރަށް ގިނަ ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށްފަހު އިންޑިއާގައި ފަރުވާ ހޯދަމުން ދަނިކޮށް މިއަދު ހެނދުނެވެ.

އިބްރާހިމް މަނިކު ވަނީ 1974 އިން ފެށިގެން 2006 އާ ހަމައަށް ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގައި ވަރަށް ގިނަ އަގުނުކުރެވޭ ފަދަ ޚިދުމަތްތަކެއް ކޮށްދެއްވާފަ އެވެ. އަދި އެ ދާއިރާއަށް ގިނަ ބަޔަކު ނެރެދެއްވާފަ އެވެ.

އިބްރާހީމް މަނިކު އަވަހާރަވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހު، މިއަދު ހެނދުނު އިންޑިއާގެ ބެންގަލޯރުގަ އެވެ.

އިބްރާހީމް މަނިކު، އެންމެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވަނީ ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގަ އެވެ. އެ ދާއިރާގެ ވަރަށް އިސް މަގާމުތަކެއް އެ މަނިކުފާނު ވަނީ ފުރުއްވާފަ އެވެ. އެގޮތުން، ރޭޑިއޯ މޯލްޑިވްސްގެ އިނގިރޭސި ސެކްރެޓެރީ ކަމާއި، ޕްރޮގްރާމް ރާވާ ކަމާއި، ޕްރޮގްރާމް ޕްރޮޑިއުސަރުކަން ކުރައްވާފައިވެ އެވެ. އަދި ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމް ޕްރޮޑިއުސަރު ކަމާއި، އެސިސްޓެންޓް ޑިރެކްޓަރު ކަމާއި، ޑެޕިއުޓީ ޑިރެކްޓަރު ކަމާއި، ޑިރެކްޓަރު ކަމާއި، ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގެ ޑިރެކްޓަ ޖެނެރަލް އޮފް ބްރޯޑްކާސްޓިން ކަމުގެ މަގާމު ފުރުއްވާފައިވެ އެވެ.

އެ މަނިކުފާނު މިނިސްޓަ އޮފް އިންފޮމޭޝަން، އާޓްސް އެންޑް ކަލްޗާގެ މަގާމަށް އައްޔަން ކުރެއްވީ 11 ނޮވެންބަރު 1993 ގަ އެވެ. އަދި 13 ސެޕްޓެމްބަރު 2004ގެ ނިޔަލަށް މި ދާއިރާގެ ވަޒީރު ކަމުގައި އެ މަނިކުފާނު ހުންނެވި އެވެ. އެހެންކަމުން، ރާއްޖޭގެ ބްރޯޑްކާސްޓިންގެ ދާއިރާގައި އެ މަނިކުފާނު ހޭދަކުރެއްވި 27 އަހަރަށް ވުރެ ދިގު މުއްދަތުގައި، އެ ދާއިރާގެ ތަރައްގީއަށް ކޮށްދެއްވި ޚިދުމަތްތަކަކީ، ހާއްސަ ގޮތެއްގައި ފާހަގަކޮށްލަންޖެހޭ ޚިދުމަތްތަކެކެވެ.

ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާއަށް މިހާތަނަށް އައި ކުރިއެރުމުގައި، އިބްރާހީމް މަނިކުގެ ހިއްސާ ވަރަށްބޮޑެވެ. ދިވެހިރާއްޖޭގެ އަޑުން ފޮނުވި ތަފާތު ޕްރޮގްރާމްތައް އުފެއްދެވުމުގައި އެންމެ އިސްކޮށް ހުންނެވި ބޭފުޅަކީ އިބްރާހީމް މަނިކެވެ. އަދި އެތައް ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން، އާންމުންގެ ލޯބި އެ މަނިކުފާނު ވަނީ ހޯއްދަވާފަ އެވެ. ދިވެހިރާއްޖޭގެ އަޑުގެ އެންމެ ކާމިޔާބު އެއް ޕްރޮގްރާމް ކަމުގައިވާ "ބާއްޖަވެރި ހެނދުނެއް" މި ޕްރޮގްރާމްގެ އެންމެ އިސް މޭސްތިރިޔަކީ ވެސް އިބްރާހީމް މަނިކެވެ.

ރޭޑިއޯއަކީ ހުރިހާ ރޮނގެއްގެ ފަންނާނުންގެ ބައިވެރިވުން އެކުލެވޭ ޚިދުމަތަކަށް ހެއްދެވުމަށް މިޔުޒިކީ ބޭފުޅުންނަށް ފުރުސަތު ދެއްވައި، އެ ބޭފުޅުންގެ މަސައްކަތުގެ އަގު ވަޒަންކުރެއްވުމަށް ލަވައާއި މިޔުޒިކުގެ މަސައްކަތަށް އަގު ދެއްވައިގެން، އެކަން ކުރައްވަން ފެށްޓެވީ ވެސް އިބްރާހީމް މަނިކުގެ އިސްނެންގެވުމުގެ މަތިންނެވެ.

އިންފޮމޭޝަން މިނިސްޓަރު ކަމުގެ މަގާމުގެ ވާޖިބުތައް އަދާކުރައްވަމުން ގެންދެވިއިރު ވެސް ރޭޑިއޯ ޕްރޮގްރާމްތަކަށާއި، ޓީވީ ޕްރޮގްރާމްތަކަށް އެ މަނިކުފާނު ވަރަށް ޚާއްސަ ސަމާލުކަމެއް ދެއްވި އެވެ. އަދި ދިވެހިރާއްޖޭގެ އަޑުން ފޮނުވަމުން ގެންދާ "ރޯދަ ކުރުކުރުން" މި ޕްރޮގްރާމް އޭރު ކޮންމެ ދުވަހަކު ހުށަހަޅުއްވަމުން ގެންދެވީ ވެސް އިބްރާހީމް މަނިކެވެ. އަދި ޓީވީ މޯލްޑިވްސް އިން ކޮންމެ ރޯދަ މަހަކު އޭރު ފޮނުއްވަމުން ގެންދެވި "ތިޔަބޭފުޅުންގެ ފުރުސަތު" މި ޕްރޮގްރާމްގެ މޭސްތިރިއަކީ ވެސް އިބްރާހީމް މަނިކެވެ. މީގެ އިތުރަށް، ސްކޫލްތަކުގެ ކުދިންގެ މެދުގައި ލަވަކިޔުމުގެ ހުނަރު ތަރައްގީ ކުރައްވައި، އެ ފަންނު ދިރުވުމުގެ މަގުސަދުގައި ފެށްޓެވި ޓީވީއެމް.ސްކޫލް ކުދިންގެ ލަވަ މުބާރާތަކީ ވެސް ސީދާ އިބްރާހީމް މަނިކުގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދެވި ކާމިޔާބު މުބާރާތެކެވެ.

ޓީވީ ބްރޯޑްކާސްޓިންއަށް ޒަމާނީ ބަދަލުތަކެއް ގެންނަވައި، މުވައްޒަފުން ތަމްރީނު ކުރެއްވުމަށް ޚާއްސަ ސަމާލުކަމެއް ދެއްވައި، "ދިވެހި ފަންނާނުންގެ މިޔުޒިކީ އީދު" އާއި، "ބައިބަލާ" މުބާރާތް ފަދަ ބޮޑެތި އިވެންޓްތައް ބްރޯޑްކާސްޓިންއާ ގުޅުއްވައި ވުޖޫދަށް ގެންނެވި ބޭފުޅަކީ ވެސް އިބްރާހީމް މަނިކެވެ.

އިބްރާހީމް މަނިކަކީ، 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ބްރޯޑްކާސްޓިން ދާއިރާގެ އިތުރުން، އެ މަނިކުފާނަކީ މިނިސްޓަ އޮފް ޔޫތު، ޑިވެލޮޕްމަންޓް އެންޑް ސްޕޯޓްސް ކަމުގެ މަގާމުވެސް ފުރުއްވި ބޭފުޅެކެވެ. އޭގެ ފަހުން، ކޮމިއުނިޓީ އޯގަނައިޒޭޝަންސް ޑިވެލޮޕްމަންޓްގެ ޗެއާމަން ކަމުގެ މަގާމުވެސް ފުރުއްވި އެވެ. 6 އޮގަސްޓު 2008 ގައި ވަޒީފާއިން ވަކިވެވަޑައިގެންނެވިއިރު ހުންނެވީ ދިވެހި ދައުލަތުގެ މިނިސްޓަރު ކަމުގެ މަގާމުގަ އެވެ.

އިބްރާހީމް މަނިކު، ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 19 ޖަނަވަރީ 1971 ގަ އެވެ. ފުރަތަމަ އަދާކުރެއްވީ މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީގެ ސެކްރެޓެރީ ކަމެވެ. އޭގެ ފަހުން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އިނގިރޭސި ސެކްރެޓެރީ ކަމާއި، ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގެ އިނގިރޭސި ސެކްރެޓެރީކަން ކުރެއްވި އެވެ.

އިބްރާހީމް މަނިކަކީ، މިޔުޒިކާއި ލަވަ ކިޔުން ކުރިއެރުވުމުގެ ރޮނގުން 1996 ވަނަ އަހަރު އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. ލަވަ ކިޔުމުގެ ފުރުޞަތު ލިބިފައިނުވާ އެތައް ފަންނާނުންނަކަށް އެ ފުރުސަތު އެ މަނިކުފާނު ހޯއްދަވައިދެއްވާފައިވެ އެވެ. އެ މަނިކުފާނަށް ވަނީ މިނިވަން 25 ގެ އާންމު ޚިދުމަތުގެ އިނާމު ވެސް ލިބިވަޑައިގެންފަ އެވެ. މީގެ އިތުރުން، ކުޑަކުދިންނަށް ޚާއްޞަ ފޮތް، ސަރުކާރުން ގަބޫލުކުރައްވާ ފެންވަރަކަށް ދިވެހިބަހުން އެކުލަވައިލެއްވި ބޭފުޅުންނަށް ސަރުކާރުން ދެއްވި ޚާއްސަ އިނާމު، 1999 ވަނަ އަހަރާއި، 2000 ވަނަ އަހަރާއި، 2001 ވަނަ އަހަރު އިބްރާހީމް މަނިކަށް ވަނީ ލިބިވަޑައިގެންފަ އެވެ.

ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިން އިންޑަސްޓްރީއަށް ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކުރައްވައި، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ދެއްވި "ބްރޯޑްކާސްޓް ލައިފްޓައިމް އެޗީވްމަންޓް އެވޯޑް" މި އަހަރު އެ މަނިކުފާނަށް ވަނީ ލިބިވަޑައިގެންފަ އެވެ.