އެމެރިކާގެ މަޝްހޫރު ޓީވީ ތަރި ކިމް ކާޑޭޝަނާއި އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓު ވަރިވުމަށް މިދިޔަ އަހަރު ކުރީކޮޅު ކިމް ވަނީ ކޯޓަށް މައްސަލަ ހުށައަޅާފަ އެވެ.
ކިމް ކާންޔޭ ކައިރިން ވަރިވާން ބޭނުންވީ ދެ މީހުންގެ މަސައްކަތް ދެ ސިޓީއެއްގައި ކުރަން ޖެހިފައި ވާތީ ދުރުގައި ތިބެގެން ކިމް ބޭނުންވާ ކަހަލަ އާއިލާއެއް ބިނާ ނުކުރެވޭތީ ކަމަށް ބުނެ އެވެ.
މި ހަފްތާގައި ބޭއްވި ޝަރީއަތުގައި ދަރިންގެ ކަންކަމުގައި ގޮތްތަކެއް ވަނީ ކަނޑާއަޅާފައި އެވެ. ދެ މީހުންނަށް ލިބިފައިވާ ހަތަރު ދަރިން ތިބޭނީ ކިމް ކައިރީގަ އެވެ.
އެހެންވެ ހަރަދު ބެލެހެއްޓުމަށް ކޮންމެ މަހަކު ދެ ލައްކަ އެމެރިކާ ޑޮލަރު ކިމްއަށް ކާންޔޭ ދޭން ޖެހޭނެ ކަމަށް ކޯޓުން އަމުރުކޮށްފައިވެ އެވެ. ކުދިންގެ ސެކިއުރިޓީ އާއި ސްކޫލާއި ކޮލެޖު ފީގެ ކަންކަން ކުރިޔަށް ގެންދަން އެއްބަސްވީ ދެ މީހުން ބަހައިގެންނެވެ.
ދެ މީހުންގެ ކައިވެނި ނިމުމަކަށް ގެންނަނީ އަށް އަހަރު އެކުގައި އުޅުމަށް ފަހު އެވެ.
ކާންޔޭ އާއި ވަކިވެ ކިމް މިހާރު އުޅެނީ އެހެން މީހަކާއި ރައްޓެހިވެގެންނެވެ. އެ މައްސަލައިގަ ކާންޔޭއަށް ވަރަށް ބޮޑަށް އަސަރުކޮށް މީޑިއާއަށް ވެސް އެކަން ތިލަވެ، ގިނަ ބައެއްގެ މަލާމާތް ކާންޔޭއަށް ރައްދުވި އެވެ.
މި އަހަރުގެ ކުރީކޮޅު ޕެރިސް ފެޝަން ވީކްގައި ބައިވެރިވުމަށް ފަހު ރެޕަރު ވަނީ "ވައިޓް ލައިވްސް މެޓާ" ޝިއާރު ޖަހާފައިވާ ޓީޝާޓެއް ލައިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފަ އެވެ.
މި ހަފްތާގެ ކުރީކޮޅު ޔޭ ވަނީ 2024 ވަނަ އަހަރު އެމެރިކާގެ ރައީސް ކަމަށް ވާދަކުރައްވާނެކަން އިއުލާން ކޮށްފަ އެވެ.
މީގެ ކުރިން 2020 ވަނަ އަހަރު ކުރިމަތިލި ނަމަވެސް ލިބުނީ އެންމެ 70،000 ވޯޓެވެ.