ދޯހާ (1 ޑިސެމްބަރު) – ފީފާ ވޯލްޑް ކަޕްގެ ގުރޫޕް އެފްގައި މިރޭ ކެނަޑާ އަތުން 2-1 އިން މޮޅުވެ، ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި މޮރޮކޯ މުބާރާތުގެ ގަދަ 16ގެ ބުރަށް ދަތުރުކޮށްފިއެވެ. މިއީ 36 އަހަރުގެ ތެރޭގައި ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރަށް މޮރޮކޯ ދަތުރުކުރި ފުރަތަމަ ފަހަރެވެ.

އެންމެ ފަހުން އޮތް ވޯލްޑް ކަޕްގެ ރަނަރަޕް ކްރޮއޭޝިއާ އާއި ތިން ވަނަ ބެލްޖިއަމްއާއެކު މި އަހަރުގެ ވޯލްޑް ކަޕްގެ ގުރޫޕް އެފްގައި މޮރޮކޯ ލައްވާލުމުން، އެ ޓީމަށް ގަދަ 16ގެ ޖާގައެއް ލިބިދާނެކަމަށް މުބާރާތް ފެށިއިރު މާގިނަ ބަޔަކު ގަބޫލެއްނުކުރެއެވެ. އެހެން ނަމަވެސް، ގުރޫޕް އެފްގެ މެޗުތައް ނިމުނުއިރު، މޮރޮކޯ ވަނީ ހަތް ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނަ ހޯދައިފައެވެ. މި ގުރޫޕްގެ ދެވަނަ އަށް ދިޔައީ ކްރޮއޭޝިއާއެވެ. ފޭވަރިޓުންގެ ގޮތުގައި އޮތް ބެލްޖިއަމް ތިން ވަނަ އަށް ގޮސް މުބާރާތުން ކެޓިއިރު، ތިން މެޗުން ވެސް ބަލިވެ ހުސްއަތާ މުބާރާތް ނިންމާލީ ކެނަޑާއެވެ.

މެޗުގެ ފުރަތަމަ ހާފުގައި މޮރޮކޯގެ ދެ ލަނޑު ޖެހީ ޗެލްސީގެ ހަކީމް ޒިޔެކާއި ސެވިއްޔާގެ ޔޫސުފް އެން ނެސްރީއެވެ. ކެނަޑާގެ ލަނޑަކީ މެޗުގެ ފުރަތަމަ ހާފު ނިމެނިކޮށް، ކެނަޑާގެ ސޭމް އަޑެކުގްބޭ ހުރަސްކޮށްލި ބޯޅައެއް މޮރޮކޯގެ ނަޔެފް އަގުއޭޑްގެ ފައިގައި ޖެހި، ބައިކޮޅަށް ވަތް ލަނޑެވެ.

ގަދަ 16ގެ ބުރުގައި މޮރޮކޯއާ ދެކޮޅަށް ނުކުންނާނީ ގުރޫޕް އީގެ ދެވަނަ ޓީމެވެ. ގުރޫޕް އީގެ އެއްވަނައިގައި މި ވަގުތު ސްޕެއިން އޮތްއިރު، ދެވަނައިގައި އޮތީ ޖަޕާނެވެ. ތިން ވަނައިގައި އޮތް ކޮސްޓަ ރީކާ އާއި ފުލުގައި އޮތް ޖަރުމަނަށް ވެސް އަދި ގަދަ 16ގެ ފުރުސަތު އެބައޮތެވެ. ގުރޫޕް އީގެ ފަހު މެޗުތައް މިރޭ ކުޅޭނެއެވެ.