ދޯހާ (1 ޑިސެމްބަރު) – ފީފާ ވޯލްޑް ކަޕްގެ ގުރޫޕް އެފްގައި މިރޭ ބެލްޖިއަމް އާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެ، ބެލްޖިއަމް މުބާރާތުން ކަޓައިފިއެވެ. އަދި މި ނަތީޖާއާއެކު ގުރޫޕް ދެވަނައިގެ ގޮތުގައި ކްރޮއޭޝިއާ ވަނީ މުބާރާތުގެ ގަދަ 16 އަށް ދަތުރުކޮށްފައެވެ.

މި ގުރޫޕްގައި މިރޭ ކެނަޑާ އަތުން 2-1 އިން މޮޅުވެ، ގުރޫޕްގެ އެއްވަނައިގެ ގޮތުގައި ގަދަ 16 އަށް ދަތުރުކުރީ މޮރޮކޯއެވެ. މޮރޮކޯ ވަނީ ތިން މެޗުން ހަތް ޕޮއިންޓް ހޯދައިފައެވެ. ވޯލްޑް ކަޕްގެ 2018ގެ ރަނަރަޕް، ކްރޮއޭޝިއާ ގުރޫޕްގެ ދެވަނަ ހޯދީ ފަސް ޕޮއިންޓާއެކުވެ. މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގައި އޮތް ބެލްޖިއަމް ތިން ވަނައިގައި ނިންމާލީ ހަތަރު ޕޮއިންޓާއެކުއެވެ. ކުޅުނު ތިން މެޗުން ވެސް ބަލިވެ، ކެނަޑާ ވޯލްޑް ކަޕް ނިންމާލީ ސުން ޕޮއިންޓާއެކުއެވެ.

ވޯލްޑް ކަޕް 2018ގެ ތިން ވަނަ، އަދި ދުނިޔޭގެ ރޭންކިންގެ ދެވަނައިގައި އޮތް ބެލްޖިއަމް މިރޭގެ މެޗަށް ނުކުތީ މޮޅުވާން މަޖުބޫރުކަން އެނގިހުރެއެވެ. އެކަމަކު، ބެލްޖިއަމް އަށް ކްރޮއޭޝިއާގެ ގޯލު ހުޅުވާލެވޭ ގޮތެއްނުވިއެވެ.

ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ބެލްޖިއަމްގެ ފޯވަޑް ރޮމެއޫ ލުކާކޫ އަށް ދެވަނަ ހާފުގައި ކްރޮއޭޝިއާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ރަނގަޅު ތިން ބޯޅައެއް ލިބުނު ނަމަވެސް، އޭނާ އަށް އެ ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ.

ގަދަ 16ގައި ކްރޮއޭޝިއާއާ ދެކޮޅަށް ނުކުންނާނީ ގުރޫޕް އީގެ އެއްވަނަ ޓީމެވެ. ގުރޫޕް އީގެ އެއްވަނައިގައި މި ވަގުތު އޮތީ ސްޕެއިންއެވެ. ގުރޫޕް އީގެ ފަހު މެޗުތައް މިރޭ ކުޅޭނެއެވެ.