ދޯހާ (2 ޑިސެމްބަރު) – ފަހަތުން އަރައި ސްޕެއިން އަތުން 2-1 އިން މޮޅުވެ، ގުރޫޕް އީގެ އެއްވަނަ ޓީމުގެ ގޮތުގައި ޖަޕާން ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ބުރަށް ދަތުރުކޮށްފި އެވެ.
މި މޮޅާއެކު ޖަޕާން ގުރޫޕް އެއްވަނަ ހޯދީ ހަ ޕޮއިންޓާއެކު އެވެ. މި މެޗުން ބަލިވިޔަސް ގުރޫޕްގެ ދެވަނައިގަ ގޮތުގައި ސްޕެއިން ގަދަ 16 އަށް ދަތުރުކުރީ ހަތަރު ޕޮއިންޓާއެކު އެވެ.
މި ގުރޫޕްގައި މިރޭ ކޮސްޓަ ރީކާ އަތުން ޖަރުމަން 4-2 އިން މޮޅުވިޔަސް، ޖަރުމަން ވަނީ މުބާރާތުން ކަޓައިފަ އެވެ. ޖަރުމަނާއި ސްޕެއިން ޕޮއިންޓްގެ ގޮތުން އެއްވަރުވިޔަސް، ލަނޑުގެ ތަފާތުން ދެވަނަ ލިބުނީ ސްޕެއިން އަށެވެ. ތާވަލްގެ ފުލުގައި ކޮސްޓަ ރީކާ މުބާރާތް ނިންމާލީ ތިން ޕޮއިންޓާއެކު އެވެ.
މެޗުގެ ފުރަތަމަ ހާފުގެ ކޮންޓުރޯލްކޮށްގެން ކުޅުނު ސްޕެއިން މެޗުގެ 11 ވަނަ މިނިޓުގައި ލީޑު ނެގީ ފޯވަޑް އަލްވާރޯ މޮރާޓާ ޖެހި ލަނޑާއެކު އެވެ. ސްޕެއިންގެ ސެޒާ އަޒްޕިކުއެލްޓާ ޖަޕާންގެ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ މޮރާޓާ އަމާޒުކޮށްލީ ބޮލުންނެވެ.
އެކަމަކު ދެވަނަ ހާފުގައި ޖަޕާނުން ވަނީ މުޅި މެޗު ބަދަލުކޮށްލައިފަ އެވެ. ދެވަނަ ހާފަށް ޖަޕާނުން ކުޅެންއެރުވި ރިޓްސޫ ޑޮއާން އާއި ކައޯރޫ މިޓޮމާގެ ފަރާތުން ވަނީ މެޗަށް ބޮޑު ބަދަލެއް ގެނެސްފަ އެވެ. މެޗުގެ ކުރީކޮޅު ޑޮއާން ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ޖަޕާން ސިއްސުވާލުމަށް ފަހު އައޯ ޓަނާކާ ވަނީ ޖަޕާނަށް ލީޑު ހޯދައިދީފަ އެވެ.