ދޯހާ (2 ޑިސެމްބަރު) – މެޗުގެ އިތުރު ވަގުތުގައި ޖެހި ލަނޑަކާއެކު ފަހަތުން އަރައި ޕޯޗުގަލް އަތުން 2-1 އިން މޮޅުވެ، ގުރޫޕް އެޗްގެ ދެވަނަ ޓީމުގައި ގޮތުގައި ދެކުނު ކޮރެއާ ފީފާ ވޯލްޑް ކަޕްގެ ގަދަ 16ގެ ބުރަށް ދަތުރުކޮށްފިއެވެ. މި ނަތީޖާއާއެކު މި ގުރޫޕްގައި މިރޭ ގާނާ އަތުން 2-0 އިން މޮޅުވިޔަސް، އުރުގުއޭ ވަނީ މުބާރާތުން ކަޓައިފައެވެ.

ގުރޫޕް އެޗްގެ ފަހު މެޗުތައް މިރޭ ކުޅުނުއިރު، ގުރޫޕްގެ އެއްވަނައިގައި އޮތީ ޕޯޗުގަލްއެވެ. އެއީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެނެވެ. ދެކުނު ކޮރެއާ އާއި އުރުގުއޭ ހަތަރު ޕޮއިންޓާއެކު އޮތް ނަމަވެސް، ޖެހި ލަނޑުގެ ތަފާތުން ކުރި ލިބުނީ ދެކުނު ކޮރެއާއަށެވެ. ތިން ޕޮއިންޓާއެކު ގަނާ ގުރޫޕް ނިންމާލީ ފުލުގައެވެ.

މި މެޗަށް ނިކުތްއިރު ވެސް ގަދަ 16ގެ ޖާގައެއް ކަށަވަރުވެފައި އޮތުމުން، މިރޭގެ މެޗަށް ޕޯޗުގަލް ނުކުތީ ގިނަ ބަދަލުތަކާއެކުއެވެ. އަދި އެ ޓީމުން ފެށުން ރަނގަޅުކޮށް، ލީޑު ނެގީ މެޗުގެ ފަސް ވަނަ މިނިޓުގައި ރިކާޑޯ ހޯތާ ޖެހި ލަނޑުންނެވެ.

ގަދަ 16ގެ ޖާގައެއް ހޯދުން މި މެޗުން މޮޅުވާން މަޖުބޫރުވެފައި އޮތް ދެކުނު ކޮރެއާ އިން މެޗުގެ 27 ވަނަ މިނިޓުގައި ނަތީޖާ ހަމަހަކުރީ ޔޮންގް ކުވޮންގް ކިމް ޖެހި ލަނޑުންނެވެ.

މެޗުގެ އެއްވަރުވެގެން ނިމެން ދަނިކޮށް، ދެކުނު ކޮރެއާ އިން ލީޑު ނެގީ މެޗުގެ އިތުރު ވަގުތުގައި ވުލްވްސްގެ ފޯވަޑް ހީ ޗޭން ހުވާންގް ޖެހި ލަނޑުންނެވެ. ކައުންޓާ އެޓޭކެއްގައި ލިބުނު ފުރުސަތެއްގައި ދެކުނު ކޮރެއާގެ ކެޕްޓަން ހިއުން މިން ސޮންގް ތަނަވަސްކޮށްދިން ފުރުސަތެއްގައި ހުވާންގް ވަނީ ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިފައެވެ.

މިއީ ދެކުނު ކޮރެއާގެ ތާރީހުގައި އެ ގައުމުން ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރަށް ދަތުރުކުރި ތިން ވަނަ ފަހަރެވެ.

ގަދަ 16ގެ ގައި ދެކުނު ކޮރެއާއާ ދެކޮޅަށް ނުކުންނާނީ ގުރޫޕް ޖީގެ ދެވަނަ ޓީމެވެ.

މޮޅުވިޔަސް އުރުގުއޭ އަށް ހިތްދަތިކަން

އުރުގުއޭ ވަނީ މިރޭ ގާނާ އަތުން 2-0 އިން މޮޅުވެފައެވެ. އެކަމަކު ޖެހި ލަނޑުގެ ތަފާތުން އެ ޓީމު ވަނީ މުބާރާތުން ކަޓައިފައެވެ. އިތުރު ލަނޑެއް މިރޭ ޖެހިނަމަ، އުރުގުއޭ އަށް ދެވަނަ ބުރަށް ދަތުރުކުރެވޭނެއެވެ.

މެޗުގައި ލަނޑެއް ނުޖެހި އޮއްވައި، ގާނާ އަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް އެ ޓީމުގެ ކެޕްޓަން އަންދްރޭ އަޔޫ ޖެހި ޕެނަލްޓީ އުރުގުއޭގެ ގޯލްކީޕަރު ސާޖިއޯ ރޮޗޭ ވަނީ ދިފާއުކޮށްފައެވެ.

އުރުގުއޭ އިން ލީޑު ނެގީ މެޗުގެ 26 ވަނަ މިނިޓުގައި ޖިއޯޖިއަން ޑެ އަރަސްކައެޓާ ޖެހި ލަނޑުންނެވެ. ޕެނަލްޓީ އޭރިޔާ ތެރެއިން އުރުގުއޭގެ ކެޕްޓަން ލުއިސް ސުއަރޭޒް ފޮނުވާލި ޝޮޓް ގާނާގެ ގޯލްކީޕަރު ދިފާއުކުރި ނަމަވެސް، ގޯލު ބުޑުން ލިބުނު ރީބައުންސް ބޮލުން ގޯލަށް ވައްދާލައި، އަރަސްކައެޓާ ވަނީ އުރުގުއޭ އަށް ލީޑު ހޯދައިދީފައެވެ.

މެޗުގެ ދެވަނަ ލަނޑު ވެސް ޖެހީ އަރަސްކައެޓާއެވެ. މެޗުގެ 32 ވަނަ މިނިޓުގައި އަރަސްކައެޓާ ދެވަނަ ލަނޑު ޖެހިއިރު ވެސް، އެސިސްޓް ހެދީ ތަޖުރިބާކާރު ފޯވަޑް ސުއަރޭޒްއެވެ.

މި މެޗު ނިމުމުގެ ކުރިން، ދެކުނު ކޮރެއާ ޕޯޗުގަލް މެޗު ނިމުމާއެކު، އުރުގުއޭ އަށް އިތުރު ލަނޑެއް ޖަހަންޖެހޭކަން އެނގުނެވެ. އެކަމަކު އިތުރު ވަގުތުގައި ލަނޑެއް ޖަހަން ކުރި މަސައްކަތް ކާމިޔާބެއްނުވިއެވެ. `