ދޯހާ (4 ޑިސެމްބަރު) – އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީގެ ލަނޑަކާއެކު، ފިފާ ވޯލްޑް ކަޕްގެ ގަދަ 16 ގެ ބުރުގައި މިރޭ އޮސްޓްރޭލިއާ އަތުން 2-1 އިން މޮޅުވެ، އާޖެންޓީނާ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.
މެސީގެ ކެރިއަރުގައި ކުޅުނު 1000 ވަނަ މެޗުގައި އޭނާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އާޖެންޓީނާ އަށް މެޗުގެ 35 ވަނަ މިނިޓުގައި ލީޑު ހޯދައިދިނީ މެސީއެވެ. ކުރިމަތީގައި އޮސްޓްރޭލިއާގެ ޑިފެންޑަރުންތަކެއް ތިއްބައި، މެސީ ތިރިތިރިން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.
މެޗުގެ 57 ވަނަ މިނިޓުގައި އާޖެންޓީނާގެ ދެވަނަ ލަނޑު ޖެހީ މެންޗެސްޓާ ސިޓީގެ ފޯވަޑް ހޫލިއަން އަލްވަރޭޒް އެވެ. މިއީ އޮސްޓްރޭލިއާގެ ގޯލްކީޕަރު އަދި ކެޕްޓަން މެޓް ރަޔަން އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، އަލްވަރޭޒް ޖެހި ގޯލެކެވެ.
އޮސްޓްރޭލިއާ އަށް ހިތްވަރެއް ލިބުނީ މެޗުގެ 77 ވަނަ މިނިޓުގައި ކްރެއިގް ގުޑްވިން ފޮނުވާލި ބާރު ޝޮޓެއް އާޖެންޓީނާގެ އެންޒޯ ފެނާންޑޭޒްގެ ގައިގައި ޖެހިފައި މިސްރާބު ބަދަލުވެގެން ގޮސް ގޯލުގެ ތެރެއަށް އަމާޒުވުމުންނެވެ.
މެޗުގެ ބާކީ އޮތް ވަގުތުކޮޅުގައި، ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އާޖެންޓީނާގެ ފޯވަޑް ލައުޓާރޯ މާޓިނޭޒަށް ރަނގަޅު ދެ ފުރުސަތެއް ލިބުނެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވުނީ އޭރިޔާ ތެރެއިން މުޅިން ހުސްކޮށްލައިފައި މެސީ އޭނާ އަށް ތަނަވަސްކޮށްދިން ފުރުސަތެވެ.
އޮސްޓްރޭލިއާގެ އަޒީޒް ބެއިޗް އާޖެންޓީނާގެ ޑިފެންސް ފޫއަޅުވާލުމަށް ފަހު ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ، ގޯލާ ދިމާލަށް ބޯޅަ ފޮނުވާލަން އުޅެނިކޮށް އޭނާ އަށް ހުރަސްއެޅީ އާޖެންޓީނާގެ ޑިފެންޑަރު ލިސަންދުރޯ މާޓިނޭޒެވެ.
އަދި އިތުރު ވަގުތުގައި އޭރިޔާ ތެރެއިން އޮސްޓްރޭލިއާގެ ޒުވާން ފޯވަޑް ގަރާންގް ކުއޯލް ފޮނުވާލި ނުރައްކާތެރި ހަމަލާ، އާޖެންޓީނާގެ ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒް ވަނީ ދިފާއުކޮށްފަ އެވެ.
ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި އާޖެންޓީނާއާ ބައްދަލުކުރާނީ ނެދަލޭންޑްސް އެވެ.