ހޮލީވުޑްގެ ސުޕަސްޓާ ޓޮމް ކްރޫޒް މި ދުވަސްކޮޅު އުޅެނީ "މިޝަން އިމްޕޮސިބަލް 7" ގެ ޝޫޓިންގައި އަވަދިނެތި އެވެ.

މީގެ މަހެއްހާ ދުވަސްކުރިން މެދުކެނޑުމަކަށް ފަހު މި ފިލްމުގެ ޝޫޓިން އަލުން ފަށާފައިވާ އިރު ޓޮމް ކްރޫޒް ވަނީ ފިލްމުގެ ސެޓުގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް ހަރުކަށި ފިޔަވަޅުތައް އަޅާފަ އެވެ.

ނަމަވެސް އެ ކްރޫގައި ހިމެނޭ ބައެއް މީހުން ރައްކާތެރިކަމުގެ އެ ގަވާއިދުތަކަށް ބޯ ނުލަނބާތީ އެންމެ ފަހުން ކްރޫޒްގެ ރުޅިގަނޑުވަނީ ފަޅައިގެން ގޮސްފަ އެވެ. އަދި އެމީހުން ވަޒީފާއިން ވަކިކުރާނެ ކަމުގެ އިންޒާރު ވެސް ދީފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.

"ދަ ސަން" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ކްރޫޒް ރުޅިއައީ ދެ ކްރޫ މެންބަރުން ކޮމްޕިއުޓަރަކަށް ބެލުމަށް މާ ގާތުގައި އިށީނދެ ތިބުމުންނެވެ. ލީކުވެފައިވާ އޯޑިއޯއެއްފައި " ދެން މި ކަހަލަ ކަމެއް ތަކުރާރުވެއްޖެ ނަމަ އެ ނިމުނީ،" ކަމަށް ކްރޫޒް ބުނެ ހަޅޭލަވާ އަޑު އިވެ އެވެ.

"މިޝަން އިމްޕޮސިބަލް 7" މީގެ ކުރިން ނެރުމަށް ހަމަޖެހިފައި އޮތީ 2021 ވަނަ އަހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހަށެވެ. ނަމަވެސް ޕެރަމައުންޓް އިން ވަނީ އެ ފިލްމު ނެރުން 2021 ވަނަ އަހަރގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހަށް ފަސްކޮށްފަ އެވެ.